ކަރީނާ ކަޕޫރު ވިހެއީ މީގެ ދެ ހަފްތާގެ ކުރިންނެވެ. މިހާރު އޭނާ ވަނީ އެނބުރި މަސައްކަތަށް ނުކުމެފަ އެވެ.

އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ އެންމެ ފަހުގެ "ލުކް" ފޭނުންނާ ހިއްސާކޮށްފަ އެވެ.

ވިހެއުމަށް ފަހު ކުޑަ ދުވަސްކޮޅަކަށް އިންސްޓަގްރާމާ ދުރަށް ދިއުމަށް ފަހު އޭނާ ވަނީ އެނބުރި އައިސްފަ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ފިރިމީހާ ސައިފް އާއެކު ބޭރު ތެރެއިން ވެސް ފެނިގެންދިޔަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ދެމަފިރިން ދަނީ އާ އެސްޔޫވީ ކާރެއް ގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ދަރިފުޅަށް ބަލިވެ އިން އިރު ކަރީނާ ފާހަގަވެގެން ދިޔައީ ވަރަށް ހަރަކާތްތެރިކޮށެވެ. އެގޮތުން ފިރިމާހާ ސައިފްގެ ފިލްމް "ބޫޓް ޕޮލިސް" އަށް ޝޫތް ކުރަމުން ދިޔައިރު ކަރީނާ ވަނީ އޭނާއާއެކު ވަގުތު ހޭދަކުރުމަށް ދަރަމްސާލާ އަސް ގޮސްފަ އެވެ.

"އަހަންނަނީ ދެފައި މައްޗަށް ނަގައިގެން ގޭގައި އޮންނާނެ މީހެއް ނޫން. ބަނޑުބޮޑަސް، އަދި ވިހައިގެން ވިޔަސް އަހަރެން ކުރަން ބޭނުންވާ ކަމެއް އަހަރެން ކުރާނަން. ބަނޑުބޮޑު މީހުންނަށް މަސައްކަތް ނުކުރެވޭނެ އޭ ބުނީ ކާކު؟ އަސްލު މާބަނޑު އިރު ހަރަކާތްތެރިވެ އުޅުމަކީ މަންމަ އާއި ދަރިފުޅުގެ ސިއްހަތަށް ވެސް ފައިދާ ކުރާނެ ކަމެއް. ވިހެއުމަށް ފަހު ވެސް ގަދަވާ ހިސާބުން އަމިއްލަ މީހާ ބޭނުންވާ ކަންތައް ކުރަން ފަށަންވާނެ. އަދި ދަރިފުޅަށް ވަގުތު ދިނުމާ މަސައްކަތާ ދެމެދު ބެލެންސްއެއް އޮންނަންވާނެ،" ކަރީނާ ބުންޏެވެ.