ޖަރުމަނު މީހަކާ އިނދެގެން އުޅުނު ދިވެހި ފިރިހެނަކާއި އޭނާގެ އަންހެނުންގެ މެދުގައި މިދިޔަ ހަފުތާގައި ހިނގި މާރާމާރީއެއްގައި ދެމަފިރިން މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައި ވަނީ ނ. މަނަދޫ އަށް ނިސްބަތްވާ އާދަމް ނަސީރު ކިޔާ މީހެކެވެ. އޭނާގެ އުމުރެއް ވެސް އަދި އުޅުނީ ޖަރުމަނުގެ ކޮން ސަރަހައްދެއްގައި ކަމެއް ވެސް ސާފުވާ ގޮތެއް ނުވި އެވެ.
މީގެ ދިހަ ވަރަކަށް އަހަރު ކުރިން ޖަރުމަނު މީހަކާ ކައިވެނިކޮށްގެން ޖަރުމަނަށް ބަދަލުވި، އާދަމް ނަސީރުގެ ދެމަފިރިންގެ ތިން ދަރިން ވެސް ތިބެ އެވެ. އެ ހާދިސާއަށް ފަހު އެ ކުދިންތައް ވަނީ އެގައުމުގެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މަނަދޫން ވާހަކަދެއްކި މީހަކު ބުނީ އެ ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުނީ އެ އަންހެން މީހާ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށް އަޑުއިވިފައިވާ ކަމަށެވެ.
"ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވަނިކޮށް، ދެމީހުންގެ މެދުގައި ހިނގި މާރާމާރީއެއްގައި އަންހެން މީހާ މަރާލީ ކަމަށްވަނީ. އަދި އާދަމް ނަސީރު މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް،" އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ އެ އަންހެން މީހާ މަރާލުމަށްފަހު އާދަމް ނަސީރު އަމިއްލައަށް މަރުވާން އުޅުނީ ކަމަށް ވާހަކަދެކެވޭ ކަމަށެވެ.
"އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައި ވަނީ. ނަމަވެސް މަރުވީ ކިހިނެތް ވެގެން ކަމެއް އެ ގައުމުގައި ހުންނަ އެމްބަސީން ވެސް ސާފުކޮށް ނުދޭ،" އެ މީހާ ބުންޏެވެ.
ކުރިން ސަމާ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރި މި ދެމަފިރިން ކައިވަންޏަށްފަހު އުޅެމުން ދިޔައީ ޖަރުމަނުގަ އެވެ.
މަނަދޫން ވާހަކަދެއްކި މީހާ ބުނީ ދާދިފަހުން އާދަމް ނަސީރު އޭނާގެ މަންމަ އަށް ގުޅާފައި ޖަރުމަނުގައި މިހާރު އުޅެން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ރާއްޖެ އެނބުރި އަންނަން ކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ ފަހުން އޭނާގެ މަންމައަށް ލިބުނީ އޭނާ މަރުވި ހަބަރު ކަމަށް ވެސް އޭނާ ބުންޏެވެ.
ފޮރިން މިނިސްޓްރީން އާދަމް ނަސީރު މަރުވިކަމަށް އާއިލާއަށް ވަނީ އަންގާފަ އެވެ. ނަމަވެސް މަރުވި ސަބަބު އަންގާފައި ނުވާކަމަށް އާއިލާއާ ހަވާލާދީ މަނަދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ. އަދި މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.