މާލެ ގެޔަކުން ވައްކަން ކުރަން އުޅެނިކޮށް އަތުލައިގަތުމުން، ފުރާޅަށް އެރީ ޖެހިގެން ހުރިގޭ ފުރާޅުގެ ޓިނު ރަނގަޅުކުރަން ކަމަށް ބުނެފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުށުގެ ގިނަ ރިކޯޑްތަކެއް އޮންނަ ހއ. ހޯރަފުށި، ބަގީޗާގެ، އަލީ ވިސާމް 39އ، އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފަ އެވެ.

ބަންދު އަމުރުގައިވާގޮތުން އޭނާ ވައްކަން ކުރަން ވަދެ އުޅެނިކޮށް ހިފެހެއްޓުމުން ބުނީ އޭނާ އެތަނަށް އެރީ އެގެއާއި ޖެހިގެން ހުރިގޭގެ ފުރާޅުގެ ޓިނު ރަނގަޅުކުރަން ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ އާ ސުވާލު ކުރުމުން ބުނީ އެތަނަށް އެރީ އެގޭ ފުރާޅަށް އޭނާގެ ފޯނު ވެއްޓިގެން ކަމަށެވެ.

އޭނާ އަކީ މި ބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށް ބަންދު އަމުރުގައިވެ އެވެ. އެގޮތުން އޭނާ ވަނީ 24 ފަހަރު ހައްޔަރުކޮށް 15 ފަހަރު ބަންދުކޮށްފަ އެވެ.