ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާދުނާނަށް ވަރަށް ހުތުރުކޮށް ފާޑުވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ކަންތައްތަކާ އަބަދުވެސް ބެހި، ފާޑުވިދާޅުވަމުން ގެންދަވާ ނައީމް އުއްތަމަފަނޑިޔާރަށް ނިސްބަތްކުރައްވައި ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކަތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން 2022 ވަނަ އަހަރު ވެސް އޭނާގެ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމި އެވެ. ނަމަވެސް އެކަމާ މެދު އެޅި ފިޔަވަޅެއް ނޭނގެ އެވެ.

ފަނޑިޔާރުންގެ ވައިބާ ގްރޫޕަކަށް އޭރު ނައީމް މެސެޖެއް ފޮނުއްވީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ "ކަރުބުޑުގައި ރަހަލާވަރުގެ ކަންތައް ކޮށްގެން ނޫނީ މިކަންކަން ރަނގަޅު ނުވާނެ" ކަމަށް ވިދާޅުވެ އެވެ. އޭނާ އެ މެސެޖް ފޮނުއްވީ އެޗްޑީސީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމި ހަބަރެއް އެހެން ފަނޑިޔާރަކު އެ ވައިބާ ގްރޫޕްގައި ހިއްސާކުރެއްވުމުން ފަނޑިޔާރުންނަށް ފްލެޓް ހަމަޖެއްސުމާ ގުޅުވައިގެންނެވެ.

އެ މެސެޖްގައި އޭނާ ލިޔުއްވާފައި ވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތުގެ އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. އެކަމަކު "އޭނާ އޮންނެވީ ގަދަ ނިދީގައި" ކަމަށް ނައީމް ވިދާޅުވި އެވެ.

"ގާނޫނުން އޭނާއާ މަތިކޮށްފައިވާ ޒިންމާ އަދާނުކުރާކަމަށް ފަނޑިޔާރުންގެ 90 ޕަސެންޓް ގަބޫލުކުރޭ. އެކަން އެހެން އޮތުމާއެކު މީނާ މަގާމުގައި ބަހައްޓަންވީތޯ ނުވަތަ ރިޓަޔާކުރަން ފުރުސަތު ދޭނީތޯ ބަލައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތެރެއިން މިކަމަށް ގޮތެއް ނިންމައިދޭން ޖެހޭ،" ގާޒީ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރަން އުޅޭ ވާހަކަ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ވެސް ވަރަށް އޭނާ ގާތު ވިދާޅުވި ކަމަށެވެ.

"މިކަމުގައި ފަނޑިޔާރުން ކުރިޔަށް ދާން ޖެހޭ ގޮތެއް އެނގެން ޖެހޭ ކަމަށް ފެނޭ؟ ކޮބައިތޯ އަޅުގަނޑުމެންގެ ލޮބުވެތި މެމްބަރު ފަރުހާދު؟ މިކަމާ އުޅެމާ ހިނގާދޯ؟" އުއްތަމަފަނޑިޔާރު މަގާމުން ދުރުކުރަން ގޮވާލައި ނައީމް ވިދާޅުވެފައިވެ އެވެ.

ގާޒީ ނައީމަށް ޖޭއެސްސީން ކުރިން ވެސް ސުލޫކީ ފިޔަވަޅު އެޅި އެވެ. ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނަވަނިކޮށް 2011 ވަނަ އަހަރު އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކުރީ އޭރުގެ ބަންޑާރަ ނައިބު ރުހުން ނުލިބެނީސް، ދައުލަތުން ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގެންދަން އޭނާ އޭރު ނިންމެވުމުންނެވެ.

ޖުވެނައިލް ކޯޓުގައި އަހަރުތަކެއް ވަންދެން ހުންނެވުމަށްފަހު ޑްރަގް ކޯޓަށް އޭނާ ބަދަލުކުރީ ފަހުންނެވެ.