ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއަށް ފަހު ބައިނަލްއަގުވާމީ ދަތުރުތަކަށް އަލުން ހުޅުވާލައިފި އެވެ.
ޔޫއޭއީގެ މަހުޖަނަކު ހިއްސާ ކުންފުންޏަކުން ތަރައްގީކުރި އެއާޕޯޓު ހުޅުވީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އަދި އެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގާ އަތޮޅުގައި އެ އެއާޕޯޓު ހުޅުވުމުން ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް އެ އެއާޕޯޓަށް ދަތުރުކުރެ އެވެ.
މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
އެ އެއާޕޯޓް މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ އަންނަ ޖެނުއަރީ 10ވަނަ ދުވަހާ ހަމައަށް 100 ޕްރައިވެޓު ޖެޓް ޖައްސާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.
މާފަރު އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، ރަންވޭ ވަނީ 2،800 މީޓަރަށް ދިގުކޮށްފަ އެވެ. މިއާއެކު ބައިނަލްއަގުވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިން 777 މަރުކާގެ މަތިންދާބޯޓުތަކަށް ވެސް އެ ރަންވޭއަށް ޖެއްސޭނެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއެއް ވެސް ކުރިޔަށް އެބަގެންދެ އެވެ.
އެ މަޝްރޫއު މިދިޔަ އޮގަސްޓުމަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިއާއެކު އެއްފަހަރާ 26 ޖެޓު ޕާކުކުރެވޭނެ އެވެ. މާފަރު އެއާޕޯޓުގައި މިހާރު ޕާކުކުރެވެނީ 13 ޖެޓެވެ.
މީގެއިތުރުން އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ދަށުން ދެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަގެންދެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި މިދިޔަ އަހަރު ތެރޭގައި އެ އެއާޕޯޓަށް 353 ޕްރައިވެޓް ޖެޓް ޖައްސާފައިވެ އެވެ. މިއީ 2022 ވަނަ އަހަރަށް ވުރެ 125 ޖެޓުގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް މިދިޔަ އަހަރު 1،934 ޓޫރިސްޓުން ވަނީ ރާއްޖެއަށް އެތެރެވެފަ އެވެ. އަދި 2،082 ޓޫރިސްޓުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފަ އެވެ.
މާފަރު އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ 320 އާއި ބޮއިން 737ގެ ބޯޓުތައް ވެސް ޖެއްސޭ ގޮތަށެވެ.