އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު އޫއޭއީ އަށް ކުރައްވަން އޮތް ދަތުރުފުޅު ފަހު ވަގުތު ކެންސަލް ކުރައްވައިފި އެވެ.

ނަން ހާމަކުރަން ބޭނުންނުވާ އިޒްރޭލުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ބޮޑު ވަޒީރު ޔޫއޭއީ ދަތުރުފުޅުގެ އެޖެންޑާގެ މާގިނަ މައުލޫމާތެއް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އިޒްރޭލުގެ މީޑިއާއިން ބުނާގޮތުގައި ބޮޑު ވަޒީރު އަބޫދާބީ އަށް ވަޑައިގަންނަވަނީ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދް އަލް ނަހްޔަން އާއި ބައްދަލު ކުރެއްވުމަށެވެ.

ފަހު ވަގުތު އެ ދަތުރުފުޅު ކެންސަލްކުރެއްވި ސަބަބެއް ވެސް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އެ ދަތުރުފުޅު ކެންސަލްކުރެއްވީ ނަތަންޔާހޫގެ އަނބިކަނބަލުން އާލާސްކަންފުޅަކާ އުޅުއްވާތީ ކަމަށްވެ އެވެ

އެމިރޭޓްސްގެ ނޫސް އޭޖެންސީއެއް ކަމަށްވާ "އެމިރޭޓްސް ނިއުސް އޭޖެންސީ" އިން ނޮވެމްބަރު މަހު ބުނިގޮތުގައި އެ ގައުމުގެ ޕްރިންސް އަދި ޔޫއޭއީ އާމްޑް ފޯސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ޝޭހް މުހައްމަދް ބިން ޒައިދް ވަނީ އިޒްރޭލުގެ ރައީސް ރިއުވެން ރިވްލިން އެ ގައުމަށް ޒިޔާރަތް ކުރުމަށް ހުށަހެޅުއްވި ދައުވަތު ގަބޫލު ކުރައްވާފަ އެވެ. މިއާއެކު އިޒްރޭލުން ޔޫއޭއީ އަށް ޒިޔާރަތް ކުރުމުގެ ދައުވަތު ވެސް ހުށަހަޅުއްވާފައި ވެ އެވެ.

ޔޫއޭއީ އިން އިޒްރޭލާ އޮތް ގުޅުން ބަދަހިކުރައްވާފައި ވަނީ އެމެރިކާގެ ވައިޓް ހައުސްގައި އޮގަސްޓް 13 ވަނަ ދުވަހުވި އެއްބަސްވުމަކަށް ފަހު އެވެ. އެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރައްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެމެރިކާގެ ވޮޝީންޓަންގަ އެވެ. މި ދެ ގައުމުން ވަނީ ދެ ގައުމަށް އެމްބެސެޑަރުން ކަނޑައަޅުއްވާ އެމްބަސީތައް ހަމަޖައްސަވާފަ އެވެ.

އެއާއެކު އިޒްރޭލުން ވަނީ ވެސްޓް ބޭންކްއަށް ބާރު ފޯރުވުން މެދުކަނޑާލާނެ ކަމަށް ބުނެފަ އެވެ. ޔޫއޭއީން ވެސް ވަނީ އިޒްރޭލްގެ އުފެއްދުންތައް ބޮއިކޮޓްކުރުން ހުއްޓާލަން އެއްބަސްވެފަ އެވެ.