އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ކޮވިޑަށް ފަރުވާދޭން އުފެއްދި ވެކްސިން ދިނުން ޔޫރަޕްގެ ބައެއް ގައުމުތަކުން މެދުކަނޑާލި ނަމަވެސް، އެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ޔޫރަޕުގައި ތިން މިލިއަން މީހުންނަށް އެސްޓްރާޒެނެކާ ވެކްސިން ދިންއިރު 22 މީހުން ގެ ލޭ ގަނޑުވުމުގެ މައްސަލަ ދިމާވިކަމުގެ ރިޕޯޓު ލިބިފައިވެ އެވެ. މިކޭސްތަކާ ގުޅިގެން ޑެންމާކް، ނޯވޭ، އައިސްލޭންޑް ފަދަ ގައުމުތަކުން ވަނީ ވެކްސިން ދިނުން މަޑުޖައްސާލާފަ އެވެ. އަދި އިޓަލީން ވެސް ވަނީ ދެ މީހެއް މަރާ ގުޅިގެން އެ ވެކްސިންގެ ބެޗެއް މަޑުޖައްސާފަ އެވެ.

"އަހަރެނެމެންނަށް ވެކްސިން ރައްކާތެރި އަދި އަސަރު ވެސް ކުރޭ. އެހެންކަމުން އެ ވެކްސިން ޖެހުމަށް އެންގުމުން ފަސް ނުޖެހި އަންނަން ވާނެ،" ބޮރިސްގެ ސްޕޯކްސްޕާސަން ވިދާޅުވެފައިވެ އެވެ. "މީގެ އިތުރުން މިހާރު މި ވެކްސިންގެ އަސަރު މި ގައުމުން ފެނިގެން އެބަދޭ. މިހާރު ގައުމުގައި ފެންނަ ޕޮޒިޓިވް ކޭސްތަކާއި މަރުވާ މީހުންގެ އަދަދު ވެސް މަދު."

އޮސްޓްރިއާގައި 49 އަހަރުގެ ނަރުހެއް ލޭގަނޑުވުމުން ވަނީ މަރުވެފަ އެވެ. އަދި އެއާއެކު އެ ގައުމުގައި ވެސް ވަނީ ވެކްސިން ދިނުން މަޑުޖައްސާލައިފަ އެވެ.

އޮސްޓްރިއާއަށް އަށް ވެސް ލިބުނު މި ބެޗްގެ ވެކްސިން ލިބުނު އެހެން ގައުމުތަކުން ވެސް ވަނީ ވެކްސިން ދިނުން މެދުކަނޑާލާފަ އެވެ. މި ގައުމުތަކުގެ ތެރޭގައި އެސްޓޮނިއާ، ލެޓްވިއާ، ލިތުއޭނިއާ އަދި ލަގްޒެންބާގް ހިމެނެ އެވެ.

އެސްޓްރާޒެނެކާ ވެކްސިންގެ މައްސަލަތަކެއް ދިމާވި ނަމަވެސް ޔޫރަޕުގެ އެހެން ގައުމުތަކުން ބުނިގޮތުގައި އެ ގައުމުތަކުން މިފަދަ ފިޔަވަޅެއް އަޅަން ބޭނުމެއް ނޫނެވެ. ފްރާންސް، ސްޕެއިން، ސްވިޑަން އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުން ބުނާ ގޮތުގައި މި ވެކްސިން އަކީ ރައްކާތެރި ވެކްސިނެއް ކަމަށް ގަބޫލު ކުރެވެ އެވެ. އެ ގައުމުތަކުން ބުނިގޮތުގައި ލޭގަނޑުވުމުގެ ކޭސްތަކާ ވެކްސިން އާ ގުޅުމެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

ޑެންމާކްގެ ހެލްތު މިނިސްޓަރު ވެސް ވިދާޅުވިގޮތުގައި މިފަދަ ކޭސްތަކާ ވެކްސިނާ ގުޅުން ހުރި ކަމަށް ބުނަން އަދި މާ އަވަހެވެ. ނަމަވެސް އެ ގައުމުން ވީހާ ވެސް ވެކްސިން ޖެހުން ހުއްޓުވީ އިތުރަށް ތަހުގީގުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓްރާޒެނެކާގެ ސްޕޯކްސްޕާސަން "މެއިލް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެ ވެކްސިންގެ ރައްކާތެރިކަމާއި އޭގެ އަސަރުކުރާ ކަމަށް ވިދާޅުވި އެވެ.

"ޑެންމާކް އިން ތަހުގީގުތައް ނިމެންދެން ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ. ލޭ ގަނޑުވުމަކީ ގުދުރަތީކަމެއް ވަރަށް އާންމު ކަމެއް،" ޔޫކޭގެ އެމްއެޗްއާރްއޭގެ އިސްވެރިޔާ ޑޮކްޓާ ފިލް ބަރަޔަން ވިދާޅުވި އެވެ. "ރިޕޯޓު ކުރެވުނު ކޭސްތަކަކީ އާންމު ގޮތެއްގައި ވެކްސިން ޕޮޕިއުލޭޝަނެއްގައި ދިމާވާ ކޭސްތަކަށް ވުރެން ގިނަ ނޫން އަދަދެއް. އެންމެ ފުރަތަމަ ކަމަކަށް އަންނާނީ އާންމުންގެ ރައްކާތެރިކަން. އަހަރެމެން މިދަނީ މި ކަންތައް ވަރަށް ގާތުން ބަލަމުން. ނަމަވެސް އަދި ލިބިފައި ހުރި ހެކިތަކުން ވެކްސިނާއި މި ކޭސްތަކާ ގުޅުން ހުރި ކަމަކަށް ނުބެލެވޭ."

ލަންޑަނުގައި ވެކްސިންގެ އަގު މިހާރު 2.28 އިންސައްތަ ދަށަށް ގޮސްފައިވެ އެވެ.