މިއަދުން ފެށިގެން ވޭޕާއި ސިނގިރޭޓު އަދި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ބޮޑު ކުރުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު ރޭ ތަސްދީގު ކުރައްވައިފި އެވެ.

އެއާއެކު ވޭޕާއި ސިނގިރޭޓުގެ އަގު އުފުލިގެން ދާނެ އެވެ. މިއަދު އަމަލު ކުރަން ފަށާ އެ އިސްލާހުތަކާ ގުޅޭ ގަވައިދުތައް 30 ދުވަސް ތެރޭ ހަދައި ގެޒެޓުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ލާޒިމްކޮށްފައިވެ އެވެ.

މިއަދުން ފެށިގެން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ.އަށް މަތިވުމުން ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެ އެވެ.

މީގެ އިތުރުން ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އެޑްވަލޮރަމް ރޭޓު %50 އިން %100އަށް މަތިވާނެ އެވެ. މި ބަދަލާ އެކު މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100ރ. ބޮޑުވާނެ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ މިއަދުން ފެށިގެން ބޮޑު ކުރި އިރު، އަންނަ މަހުގެ 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ނިންމައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ވެސް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ.

މިހާރު ކޮމެޓީ މަރުހަލާގައި އޮތް އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމުން، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާވާނެ އެވެ.