ބްރެޒިލްގެ އެންމެ ތާރީހީ ސްޓޭޑިއަމް ކަމަށްވާ މަރަކާނާގެ ނަން ބަދަލުކޮށް، ބްރެޒިލްގެ ލެޖެންޑް ޕެލޭ އަށް ސްޓޭޑިއަމްގެ ނަން ހާއްސަކުރަން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ރިއޯ ޑިޖެނެއިރޯގެ ސްޓޭޓް ލެޖިސްލޭޓާ އިން ނެގި ވޯޓަކުންނެވެ. މަރަކާނާގެ ނަން ބަދަލުކޮށް، އެ ސްޓޭޑިއަމް އަށް ކިޔަން ނިންމި ނަމަކީ "އެޑްސަން އަރަންޓޭސް ޑޯ ނަސިމެންޓޯ – ރެއީ ޕެލޭ ސްޓޭޑިއަމް" އެވެ. މި ނަން ރަސްމީ ވާނީ ރިއޯ ޑި ޖެނެއިރޯގެ ގަވަރްނަރް އެ ނަން ފާސްކުރުމުންނެވެ.

ޕެލޭގެ ނަމުގެ ދިގު ގޮތަކީ " އެޑްސަން އަރަންޓޭސް ޑޯ ނަސިމެންޓޯ" އެވެ. އަދި ޕޯޗުގީޒް ބަހުން "ރެއީ"ގެ މާނަކައަކީ ރަސްގެފާނެވެ.

މަރަކާނާ ސްޓޭޑިއަމްއަކީ 1950 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ކުޅުނު ސްޓޭޑިއަމެވެ. މީގެ އިތުރުން 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ވެސް ބޭއްވީ މި ސްޓޭޑިއަމްގަ އެވެ.

ޕެލޭ ވަނީ ބްރެޒިލްއާއެކު ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާގެ ކެރިއަރުގެ 1000 ވަނަ ލަނޑު 1969 ވަނަ އަހަރު ޖެހީ މަރަކާނާ ސްޓޭޑިއަމްގަ އެވެ. – ބީބީސީ