މި އަހަރުގެ ކުރީކޮޅު ކުރިއަށް ދިޔަ ބިގްބޮސް އޯޓީޓީގެ ސީޒަން 3 އިން މަޝްހޫރުކަން ހޯދި ސަނާ ސުލްތާން މަދީނާގައި ކައިވެނި ކޮށްފި އެވެ.
ސަނާއާއި އޭނާގެ ބައިވެރިޔާ މުހައްމަދު ވާޖިދު މަދީނާގައި ކައިވެނި ކޮށްފައިވާއިރު އެ ކައިވެނީގެ ބައެއް ފޮޓޯތައް ސަނާ މިހާރު ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.
އޭގެ ތެރޭގައި އެ ދެމަފިރިން މަސްޖިދުލް ނަބަވީގެ ސަރަހައްދުގައި ނަގާފައިވާ ފޮޓޯތަކާއި ކައިވެނީގެ ހަފްލާގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިމެނެ އެވެ.
އެ ފޮޓޯތައް ހިއްސާ ކުރަމުން ސަނާ ބުނެފައިވަނީ ކައިވެނީގެ މަތިވެރި ނިއުމަތް އޭނާއަށް ލިބުނު ކަމަށްޓަކައި މާތް ﷲއަށް ހަމްދުކުރާ ކަމަށާއި ހަލާލު ގޮތުގައި އެ ދެމީހުންގެ ގުޅުން ކުރިއަށް ގެންދެވުނީތީ އުފާކުރާ ކަމަށެވެ.
އެ ޕޯސްޓުގައި ސަނާގެ ފިރިމީހާ ވާޖިދުއާ ބެހޭގޮތުން މާ ގިނަ މައުލޫމާތެއް ހިމަނާފައި ނުވި ނަމަވެސް އޭނާއަކީ ކޮންމެ އަންހެނަކު ވެސް ބޭނުންވާނެ ފަދަ ބައިވެރިއެއް ކަމަށް ސަނާ ބުންޏެވެ.
ސަނާގެ ކައިވެންޏާއެކު އޭނާއާއެކު މަސައްކަތްކުރާ ގިނަ ތަރިން އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ސައި ކެތަން ރާއޯ، އުމަރު ރިއާޒު އަދި އަރްބާޒް ޕަޓޭލް ހިމެނެ އެވެ.