މިސް ޔުނިވާސް ބަލާލަން މެކްސިކޯއަށް ދިއުމަށް، ރާއްޖެއިން މިސް ޔުނިވާސްގައި ބައިވެރިވި މަރިޔަމް ސައިނާ ނަސީމްގެ ފަރާތުން ދެ މީހަކަށް ޓިކެޓް ދިނުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސައިނާ އިންސްޓަގްރާމްގައި ހިއްސާކުރި ރީލްއެއްގައި ބުނީ މެކްސިކޯގައި ބާއްވާ މިސް ޔުނިވާސްގެ ހުޅުވުމުގެ ރަސްމިއްޔާތާއި ފައިނަލް ކޮމްޕެޓިޝަން ބަލާލުމަށް ދެ މީހަކަށް ޓިކެޓް ދިނުމަށް އޭނާ ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަންޖެހޭ ކަންކަން އޭނާގެ ޕޯސްޓްގެ ކެޕްޝަންގައި ހިއްސާކޮށްފައިވެ އެވެ. އެގޮތުން އޭނާ ގެ ރީލްއަށް އޭނާ އެ މުބާރާތުގައި ބައިވެރިވުމަށް ހިޔާރުކުރަންވީ ސަބަބު ކޮމެންޓް ކުރުމާއި، ފަސް ރައްޓެހިން ޓެގް ކުރުމާއި މިސް ޔުނިވާސްގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓާއި ސައިނާގެ އެކައުންޓް ފޮލޯ ކުރުން ހިމެނެ އެވެ.
މީގެ އިތުރުން އޭނާގެ ރީލް އެމީހެއްގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށް އޭނާއާއި މިސް ޔުނިވާސް އޮފިޝަލް އެކައުންޓް ޓެގް ކުރުމަށްވެސް އޭނާ އެދިފައިވެ އެވެ.
ސައިނާ ހިއްސާކުރި ވީޑިއޯގައި ވަނީ އޭނާއަށް ތާއީދުކޮށް ހިތްވަރުދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާއާއެކު މިސް ޔުނިވާސްގެ ދަތުރުގައި ބައިވެރިވުމަށް ދައުވަތު ދީފައިވެ އެވެ.
ސައިނާގެ ޕްރޮމޯޝަންގެ އިތުރުން ރާއްޖޭގެ މިސް ޔުނިވާސް އިސްޓަގްރާމު އެކައުންޓުންވެސް ވަނީ މިސް ޔުނިވާސްގެ ޝޯތައް ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަތުމަށް ޕްރޮމޯ ކޯޑް ބޭނުންކޮށްގެން %20 ޑިސްކައުންޓް ލިބޭގޮތަށް ހަމަޖައްސާފައި އެވެ.
އެގޮތުން މި މަހުގެ 14 ގައި އޮންނަ ޕްރިލިމިނަރީ އަދި ނެޝަނަލް ކޮސްމެޓިކް ޝޯ އާއި 16 ގައި އޮންނަ ފައިނަލް ކޮމްޕެޓިޝަން ބަލަން ވަންނަ ޓިކެޓް ދަނީ މިހާރު ވިއްކަމުންނެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް 24 އަހަރުގެ ސައިނާ މިސް ޔުނިވާސްގައި ބައިވެރިވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. މީހުންގެ ފާޑުކިޔުމުގެ ސަބަބުން ޔޫތު މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށް ބަޔާންނެރެ، މިސް ޔުނިވާސްގައި ބައިވެރިނުވުމަށް ސައިނާއަށް ގޮވާލާފަ އެވެ.
މި މަންޖެ އަންނަތަނުން ސަންސިޔާމްގެ ރާޑަރަށް އަރާނެ