އީރާންގެ މުދާ އުފުލާ ކޮންޓެއިނާ ބޯޓަކަށް "ޓެރަރިސްޓް" ހަމަލާއެއްދީ، އެ ބޯޓަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.

އީރާނު ސަރުކާރުން ހިންގާ ޝިޕިން ކުންފުނީގެ ޝަހްރް ކޯޑް ނަމަކަށް ކިޔާ މިބޯޓަށް ހަމަލާދިނީ ގޮވާ ޒާތުގެ އެއްޗެއް ބޭނުންކޮށްގެން ކަމަށްވެ އެވެ.

ގޮވާ ޒާތުގެ އެއްޗެއް ގޮއްވާލުމުން އަލިފާން ރޯވެ ބޯޓަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ބޯޓުގައި ތިބި އެއްވެސް ބަޔަކަށް އަނިޔާ ލިބިފައި ނުވާ ކަމަށްވެ އެވެ.

މި ބޯޓު ދަތުރުކުރަމުން ދިޔައީ ޔޫރަޕާ ދިމާލަށެވެ. އަދި ބޯޓަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށްފަހު ވެސް ޔޫރަޕަށް މިސްރާބު ޖަހާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ދެ ހަފްތާ ކުރިން އިޒްރޭލުގެ ބޯޓަކަށް ވެސް ހަމަލާދީފައިވެ އެވެ. މި ހަމަލާ އަކީ އީރާން އިން ދިން ހަމަލާއެއް ކަމަށް އިޒްރޭލުން ތުހުމަތުކުރެ އެވެ.

އީރާންގެ މި ބޯޓަށް ދިން ހަމަލާ އާއި ބެހޭ ގޮތުން އިޒްރޭލުން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. -- އަލް އަރަބިއްޔާ