ޔޫރަޕްގެ ބައެއް ގައުމުތަކުން ޔޫރަޕިއަން ޔޫނިއަން އަށް ކޮވިޑް ވެކްސިންގެ ބަހާނެ ގޮތަކާމެދު މަޝްވަރާކުރަން ބައްދަލުވުމެއް ބާއްވަން އެދިއްޖެ އެވެ.

އެ މަޝްވަރާ ބައްދަލުވުމަށް އެދުނު ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ބަލްގޭރިއާ، ސްލޮވޭނިއާ އަދި ލަޓްވިއާ ހިމެނެ އެވެ. މި ގައުމުތަކުން މިކަމަށް އެދިފައި ވަނީ އޮސްޓްރިއާއިން ވެކްސިން ބެހުމުގައި ތަފާތުކުރުންތަކެއް ހުރިކަމަށް ބުނުމުންނެވެ.

އޮސްޓްރިއާގެ ޗާންސެލާ ސްބޭސްޓަން ހުކުރު ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވީ ވެކްސިންގެ ޑޯސްތައް ގައުމުތަކަށް ބަހާ މިންވަރު ތަފާތު ކަމަށެވެ.

ސްބޭސްޓަންގެ ޓްވީޓެއް ގައި ހުރިހާ ގައުމުތަކެއް ގުޅިގެން މަޝްވަރާކުރަން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސެލާ އަދި ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް އަށް ސިޓީއެއް ފޮނުވައިގެން ދަންނަވާފައި ވެ އެވެ. މޯލްޓާއަށް ބަލްގޭރިއާއަށް ވުރެ ތިން ގުނަ އިތުރަށް ވެކްސިން ލިބެން އުޅޭކަމަށް ވެސް ސްބޭސްޓަން ވިދާޅުވެފައި ވެ އެވެ.

މިކަމާ ހިލާފުވާ ފަރާތްތަކުން ބުނާގޮތުގައި މިއީ އޮސްޓްރިއާގައި ވެކްސިން ދެމުންދާ ސްޕީޑް ލަސްވުމުގެ މައްސަލައިން ރެކެން ސްބޭސްޓާން ކުރައްވާ ކަމެކެވެ.

މި ސިޓީ މިހާރު ޔޫރަޕިއަން ޔޫނިއަން އަށް ވަނީ ލިބިފަ އެވެ. އަދި މާޗް މަހުގެ 25 އަދި 26 ގައި ލީޑަރުންގެ ސަމިޓެއް ބާއްވަން ވަނީ ކަނޑައަޅާފަ އެވެ.