ޖިންސާއި ޓީޝާޓު ފަދަ ތަކެތި ލައިގެން އިމާމުވެ ނަމާދުނުކުރެވޭ ގޮތަށް އުސޫލެއް ހަދައިފި އެވެ.
މި ގޮތަށް ބަދަލު ގެނެސްފައިވަނީ އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަލަހައްޓަންވީ ގޮތުގެ އުސޫލުގައި އެވެ.
މިގޮތަށް އުސޫލު ބަދަލުކުރީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރުކުރުމަށް ކަމަށް ބުނެފައިވެ އެވެ.
ރަސްމީ ގަޑީގައި ހެދުން އަޅަންވާނީ އިސްލާމީ މުޖުތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ފަދަ ގޮތަށް ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. ޖިންސާއި ޓީޝާޓު ލައިގެން ނަމާދު ނުކުރުމަށާއި ގަޔަށް ބާރު ހެދުން ލައިގެން އިމާމުވެ ނަމާދު ނުކުރުމަށް ހިމަނާފައިވެ އެވެ.
ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށް ފަރުވާތެރިވާންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.
އިމާމުންނާއި މުދިމުންނަކީ ސާފުތާހިރުވެގެން ތިބޭ ބަޔަކަށްވުމާއި މިސްކިތަށް އަންނަ ފަރާތްތަކާއި މުޖުތަމައުގެ އާންމު ފަރުދުންނާއި މުއާމަލާތްކުރުމުގައި އިޖުތިމާއީ ހަމަތަކުގެ މަތިން ރީތި ބަހުން ވާހަކަ ދެއްކުމަށް ވެސް އެ އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.
އުސޫލުގައި ކަނޑައަޅާފައިވާ އިމާމުންގެ އިތުރު ސުލޫކީ މިންގަނޑުތަކުގެ ތެރޭގައި އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވުމުގެ އިތުރުން ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި ހިލާފަށް އެއްވެސް އަމަލެއް ނުހިންގުން ހިމަނާފައިވެ އެވެ.
އުސޫލާއި ހިލާފުވެއްޖެ ނަމަ، ސިވިލް ސާވިސް ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ.