ޗައިނާގެ ވޫޝީ ސިޓީގެ ވޮކޭޝަނަލް ސްކޫލެއްގައި ވަޅިން ހަމަލާދީ އަށް މީހަކު މަރާލައިފި އެވެ.
އެ ހަމަލާ ދީ މީހުން މަރާފައި ވަނީ އެ ސްކޫލުގެ ކުރީގެ ދަރިވަރެކެވެ. މި މިހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ޗައިނާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 21 އަހަރުގެ އެ ދަރިވަރަކީ އިމްތިހާންތަކުން ފެއިލްވެގެން ހުއްޓާލާފައިވާ ކުއްޖެކެވެ. އެ މީހާ އެކަން ކޮށްފައިވަނީ އިމްތިހާނުން ފެއިލްވުމާއި އިންޓާންޝިޕުން ލިބުނު ފައިސާއާ ދޭތެރޭ ހިތްހަމަނުޖެހިގެން ކަމަށް ބެލެވެ އެވެ.
ވޫޝީގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާ ދީފައިވަނީ ޔިކްސިންގް ކައުންޓީގެ ވޫޝީ ވޮކޭޝަނަލް އިންސްޓިޓިއުޓް އޮފް އާޓްސް އެންޑް ޓެކްނޮލޮޖީގައި ޗައިނާ ގަޑިން ހަވީރު 6:30 ހާއިރު ކަމަށެވެ. އެ ހަމަލާގައި 17 މީހަކަށް ހަމަލާ ދިން ކަމަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އާބާދީގައި 1.6 ބިލިއަން މީހުން ތިބި ނަމަވެސް ޗައިނާއަކީ މިފަދަ ކުށްތައް މަދު ގައުމެކެވެ. އެހެންކަމުން މި ހާދިސާއަކީ މުޅި ގައުމަށް ވެސް ލިބިފައިވާ ޝޮކެކެވެ.
މިއީ ހަފުތާއެއްގެ ތެރޭގައި ޗައިނާގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. ޗައިނާގެ ދެކުނު ސިޓީއެއްގައި ކާރެއް ކޮންޓްރޯލުން ނެއްޓި މީހުންތަކެއްގެ ތެރެއަށް އެކްސިޑެންޓްވެ 35 މީހުން ވަނީ މަރުވެފަ އެވެ. އަދި 43 މީހަކު ވަނީ ޒަޚަމްވެފަ އެވެ.