އުތުރު ކޮރެއާއަކީ މުޅި ދުނިޔެއިން ވެސް އެންމެ ހަރުކަށި އުސޫލުތައް ގެންގުޅޭ އެއް ގައުމެވެ. އެހެން ގައުމުތަކުގައި ވަރަށް އާދައިގެ ކަމަށް ބެލެވޭ ބައެއް ކަންކަމަކީ އުތުރު ކޮރެއާގެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅިގެންވާ ކަންކަމެވެ.
ދީނީ ފޮތްތަކުގެ ވިޔަފާރި ކުރުން
އުތުރު ކޮރެއާގެ ގާނޫނުގައި ދީނީ މިނިވަންކަން ލިބިދީފައި ވީ ނަމަވެސް އާއްމު ތަންތަނުގައި އެއްވެސް ދީނެއްގެ ފޮތެއް ވިއްކުމާއި ގަތުމަކީ މަނާ ކަމެކެވެ. އެއާއެކު ފާޅުގައި ދީނީ ކަންކަން ކުރުމަކީ ވެސް އަދަބު ލިބުން ގާތް ކަމެކެވެ.
ދަނޑުވެރިކަމުގައި ފާޓިލައިޒާ ބޭނުން ކުރުން
އުތުރު ކޮރެއާގެ ދަނޑުވެރިކަމަށް ފާޓިލައިޒާ ބޭނުންވި ނަމަވެސް އެ ތަކެތި އިމްޕޯޓުކުރާ ގައުމުތައް ކަމަށްވާ ދެކުނު ކޮރެއާއާއި ޗައިނާއާއެކު އޮތް ގުޅުން ހީނަރުވުމާއެކު އުތުރު ކޮރެއާގެ ސަރުކާރުން ވަނީ އެގައުމުގެ ދަނޑުވެރިކަމަށް ފާޓިލައިޒާ ބޭނުންނުވާ ކަމަށް ބުނެ ދަނޑުތަކުގައި އޯގަނިކް މެޓާ ބޭނުންކުރަން އަމުރު ކޮށްފަ އެވެ.
މެކްޑޮނަލްޑްސް
މެކްޑޮނަލްޑްސްއަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ރެސްޓޯރެންޓް ޗެއިންއެއް ނަމަވެސް އުތުރު ކޮރެއާގައި މި މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓެއް ނުހުރެ އެވެ. އެހެން ނަމަވެސް އެ ގައުމުގެ އަމިއްލަ ބްރޭންޑްތަކުން ހެމްބާގާ ތައްޔާރުކޮށް ވިއްކަ އެވެ.
އިސްތަށިގަނޑުގައި ކުލަ ޖެއްސުން
އުތުރު ކޮރެއާގައި އިސްތަށިގަނޑުގައި ޖައްސާ ކުލަ އުފައްދައި ވިއްކުމަކީ މަނާ ކަމެކެވެ. އެހެން ކަމުން މީހުންގެ އިސްތަށިގަނޑުގެ ކުލަައަށް ވަނީ ގުދުރަތީ ކަޅު ނޫންނަމަ އުމުރާއެކު އަންނަ ހުދު ކުލަ އެވެ.
ޖީންސް ލުން
އުތުރު ކޮރެއާގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ޑެނިމް ޖިންސްތަކަކީ އެގައުމުގެ ކޮމިއުނިސްޓް ހިޔާލުތަކާ ބުރޫ އަރައި ހުޅަނގުގެ ނުފޫޒެކެވެ. އެހެން ކަމުން ޑެނިމް މެޓީރިއަލްގެ ޖީންސް އެގައުމުގައި ލިބުމަކީ ނާދިރު ކަމެކެވެ.
އިންޓަނެޓް ބޭނުން ކުރުން
އުތުރު ކޮރެއާގެ ރައްޔިތުންނަށް ގްލޯބަލް އިންޓަނެޓަށް ވަނުމުގެ ފުރުސަތު ނޯވެއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ހުއްދަކުރާ ވެބްސައިޓް ތަކަށް އެކަނި ވަދެވޭ ޑޮމެސްޓިކް އިންޓަނެޓެއް އެގައުމުގައި ބޭނުން ކުރެވެ އެވެ.
އެހެން ގައުމުތަކުގެ ފިލްމުތައް ބެލުން
އުތުރު ކޮރެއާގެ އަމިއްލަ ފިލްމީ ދާއިރާއެއް އޮންނައިރު ގިނައިން އުފެއްދެނީ އެގައުމުގެ ސުޕްރީމް ލީޑަރަށް ތާއީދުުކޮށް އުފައްދާ ޕްރޮޕެގެންޑާ ފިލްމުތަކެވެ. އެ ގައުމުގައި ހޮލީވުޑް ނުވަތަ އެނޫން ވެސް އެހެން ގައުމެއްގެ ފިލްމެއް ބެލުމަކީ މަނާ ކަމެކެވެ.
އެންމެ ކަމެއް ފިޔަވައި ހުރިހައިކަމެއް ބަރާބަރު! ފާޅުގައި ދީނަށް އުޅުން ފިޔަވައި ހުރިހައި ކަމެއް ރަނގަޅު!!!