ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ފިލިޕީންސުން އެ ގައުމުގެ 18 އަހަރުން ދަށުގެ ކުޑަކުދިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފި އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ދެ ހަފްތާއަށް މި އުސޫލު ގާއިމުކުރަން އަންގާފައިވެ އެވެ.

ފިލިޕީންސްގެ މެޓްރޯ މެނިލާ ޑިވެލޮޕްމެންޓް އޮތޯރިޓީ ބުނިގޮތުގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ލިބިފައި ވަނީ ހަމަ އެކަނި 18 އަހަރާއި 65 އަހަރުގެ މީހުންނަށެވެ.

ކޮވިޑާ ގުޅިގެން ފިލިޕީންސްގައި ގާއިމް ކޮށްފައި އޮތީ ދުނިޔޭގައި އޮތް އެންމެ ދިގު އަދި ހަރުކަށި އެއް ލޮކްޑައުން އެވެ. 15 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ބޭރައް ނިކުތުމުގެ ހުއްދަ ދީފައި ނުވާ މި ލޮކްޑައުން އަށް ލުއިތަކެއް ދޭން ފަށައިފައި ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު އެވެ.

ފިލިޕީންސްގައި ކޮވިޑްގެ ކޭސްތައް މި މަހު އިތުރުވަމުންދާ ކަމަށް އެ ގައުމުން ފާހަގަ ކުރެ އެވެ. މި ހޯމަ ދުވަހު އެ ގައުމުގައި 5،404 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުންގެ ފެށިގެން ކޮވިޑް ކޭސް މިހާތަނަށް އިރުތުވި އެންމެ ގިނަ އަދަދެވެ.

މެޓްރޮޕޯލިއަން މެނިލާގައި ރޭގަނޑު ވަގުތުގައި ކާފިއު ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި ކާފިއު ދެ ހަފްތާއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. މެނިލާއަކީ އެ ގައުމުގައި ކޮވިޑްގެ ވައިރަސް އެންމެ ގަދަޔަށް ފެތުރޭ، 12 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދެކެވެ.

އެ ގައުމުގައި ވެކްސިންދިނުން ލަސްވުމާ ގުޅިގެން ކޮރޯނާވައިރަސް ސްޓްރެޓެޖީގެ ޗީފް ގެލްވެޒް ވިދާޅުވީ އިތުރު ވެކްސިން ޑޯޒްތައް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށެވެ. އެގޮތުން އޭޕްރިލް މަހުގެ ކުރީކޮޅުގައި 2.4 މިލިއަން ޑޯޒް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި 979،200 އެސްޓްރާޒެނިކާ ވެކްސިނާ 1.4 މިލިއަން ސިނޮވެކް ވެކްސިން ނިމޭނެ ކަމަށް ގެލްވެޒް ވިދާޅުވި އެވެ.

ޔޫރަޕުގެ ގައުމުތަކުން އެސްޓްރާޒެނެކާ ވެކްސިން ދިނުން މެދުކަނޑާލާފައިވި ނަމަވެސް ފިލިޕީންސްއިން އެގޮތައް ކަންތައް ކުރުމުގެ ޕްލޭންއެއް ނުގެންގުޅޭ ކަމަށް ވެސް ގެލްވެޒް ވިދާޅުވި އެވެ. އަދި މީގޭ އިތުރުން ފިލިޕީންސްގެ ސަރުކާރުން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއެކު 30 މިލިއަން ކޮވިޑް ވެކްސިންގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.