ސަހާގެ މި އާއިލާއަކީ މަމްސް އެއިޑްގެ ކެއާ ރަޖިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އާއިލާއެކެވެ. މި އާއިލާއަށް ދިމާވެފައިވާ ދަތިހާލުގެ ސަބަބުން 18 އަހަރުން ދަށުގެ ދެ ކުދިންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭނެ ގޮތެއް ނެތެވެ. މި އާއިލާއަށް މިހާލަތުން އަރައިގަތުމަށް ތިޔަ އެންމެހައި ކިޔުންތެރިންގެ ދީލަތި އެހީއަކަށް އެދެމެވެ.

ސަހާ (އަސްލު ނަމެއް ނޫން) އަކީ ކުޑައިރުއްސުރެ ވެސް ފަގީރު ހާލުގައި އުޅެ ބޮޑުވި މީހެކެވެ. ކުޑައިރުއްސުރެ ވެސް އޭނާ ބެލުމުގެ ޒިންމާ ނަގާފައި ވަނީ އޭނާގެ މާމަ އެވެ. ފަގީރު ހާލުގައި އުޅުނު ދިރިއުޅުން ބަދަލުކުރުމަށް އުމުރުން 20 އަހަރުގައި ސަހާ ނިހާދުއާ ކައިވެނިކުރި އެވެ. އަދި ކައިވެންޏަށް ދެމަފިރިންނަށް ދެ ކުދިން ލިބުނެވެ. އަދި އާއިލާގެ ދިރިއުޅުމުގެ ފެންވަރު ބަދަލުކޮށް ސަހާ ބޮޑުކުރި މާމަ ވެސް ގޮވައިގެން މި އާއިލާ އުފާވެރި ދިރިއުޅުމެއް އުޅުމަށް މަސައްކަތް ކުރި އެވެ.

މި ކުޑަކުޑަ އާއިލާގެ ފުރަތަމަ ބޮޑު އިމްތިހާނު މީގެ 8 އަހަރު ކުރިން ކާރެއްގައި ޖެހި އެކްސިޑެންޓްވެ، ސަހާގެ މާމަ އެނދުމަތިވި ހިސާބުންނެވެ. އޭގެ ފަހުން އެނދުމަތިވެފައިވާ މާމަ ބެލުމުގެ ހުރިހާ ކަމެއް ފިރިމީހާ ނިހާދުގެ އެހީތެރިކަމާއެކު ސަހާ ދިޔައީ ކުރަމުންނެވެ.

ސަހާ އޭނާގެ މާމައަށް ކާން ދެނީ. ސަހާ ދަނީ ފިރިމީހާގެ އިތުރުން ބަލި މާމަވެސް ބަލަމުން

ސަހާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ ކުއްލި ގޮތަކަށް ފިރިމީހާ ވެސް ބަލިވުމުގެ ސަބަބުންނެވެ. ސަހާގެ ފިރިމީހާ ނިހާދު ކުއްލި ގޮތަކަށް ބަލިވެ ވަޒީފާއަކަށް ދެވޭ ގޮތެއް ނުވެ އެވެ. ނިހާދުގެ ބައްޔަކީ ގޮތް ނޭނގޭ ބައްޔެއްކަމުން މި އާއިލާއިން ވަނީ އިންޑިޔާއަށް ގޮސް ފަރުވާކޮށް ބަލި ދެނެގަނެފަ އެވެ. އިންޑިއާއިން ކުރި ފަރުވާއިން ނިހާދަށް ޖެހިފައިވަނީ އެމައޮޓްރޮފިކް ލެޓަރަލް ސްކްލެރޯސިސް (އޭއެސްއެލް) ނަމަކަށް ކިޔާ ބައްޔެއްކަން އެނގުނެވެ. އަދި މިއީ ޖެނެޓިކަލް ބައްޔެއްކަން އެނގުނެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ މަސްތައް އެކީ ހީނަރުވެ، އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ވަރަށް މީހާ އެނދުމަތިވެ އެވެ. މިހާރު ނިހާދު އޮތީ ބަލީގެ މި ސްޓޭޖްގަ އެވެ. އެއްވެސް ހަރަކާތެއް ނުކުރެވި ކާންދެނީ ހޮސްޕިޓަލުގައި ހޮޅި ގުޅައިގެންނެވެ.

ސަހާ އޭނާގެ އަންހެން ދަރިފުޅު ކައިރީގައި

ސަހާގެ މުޅި ދިރިއުޅުމަކީ ބަލި މާމައަކާއި ބަލި ފިރިއެއް ބެލުމެވެ. ދެމީހުން ބެލުން ދޫކޮށްލައި ދާއިމީ ވަޒީފާއަކަށް ދިއުމުގެ ފުރުސަތެއް ސަހާއަކަށް ނެތެވެ. ބަލި މީހަކަށް ވީތީ ނިހާދަށް 6،000 ރުފިޔާ ލިބުނަސް އެ ފައިސާގެ ހަރަދު ކުރަނީ ދަނީ ނިހާދަށް ބޭނުންވާ ނެޕީ, ޕްރޮޓީން އަދި ކާއެއްޗެހި ފަދަ ތަކެއްޗަށެވެ.

ސަހާގެ ހާލަތު މިހެން ހުރުމުން ސަރުކާރުން އެކަނިވެރި މައިންގެ އެލަވަންސް ލިބޭތޯ އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭނާގެ ފިރިއެއް ހުރުމާއެކު ނިހާދު ދުނިޔޭގައި ހުރުމުން ސަރުކާރުން އޭނާގެ ފޯމް ރިޖެކްޓް ކޮށްލަނީ އެވެ. ވާހަކަ ނުދެއްކޭ, އަމިއްލައަށް ނޭވާ ވެސް ނުލެވޭ, އަދި ނުކެވޭ އެނދުމަތިވެފައިވާ ފިރިއެއް ހުރުމުން ސަރުކާރުން ދޫކުރާ އެލަވަންސްއެއް ސަހާއަށް ހައްގު ނޫން ކަމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަހާއަށް ލިބިފައިވާ ދޮށީ ދަރިފުޅު އާހިލްއަކީ ވެސް ވެސް ސިކުނޑީގެ ޑިވެލޮޕްމެންޓް ލަސްވުމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އަދި ސަހާއަށް ވެސް ޖެހިފައިވާ ނާރުގެ ބައްޔެއް އާހިލްއަށް ވެސް ވަނީ ޖެހިފަ އެވެ. ބައްޕަގެ ބަލި ހާލަތު ހުރިގޮތުން އާހިލްއަށް ވަނީ ވަރަށް އެކަމުގެ ނަފްސާނީ އަސަރު ވެސް ކޮށްފަ އެވެ. ދިރިއުޅުމުގެ ކަންކަން މިއާއިލާއިން ދަމަހައްޓަނީ ނުކުޅެދުންތެރިކަން ހުންނާތީ އާހިލްއަށް ލިބޭ 3،000 ރުފިޔާއިންނާއި މިސްކިތު ބެކްއަޕް މުވައްޒަފެއްގެ ވަޒީފާ އަދާކޮށްގެން ސަހާއަށް ލިބޭ ލާރިންނެވެ. މި ލާރިއަކީ މަހުން މަހަށް ލިބޭ އެއްޗެއް ނޫނެވެ.

ސަހާ އޭނާގެ ދަރިންނާއި އެކު

މަމްސް އެއިޑްއަކީ މިފަދަ އާއިލާތަކަށް އެހީތެރިވާ ޖަމިއްޔާއެކެވެ. މަމްސް އެއިޑްއިން މަސައްކަތް ކުރަނީ ފަންޑްރެއިސްކޮށްގެން މި އާއިލާއަށް ބޭނުންވާ ނަފްސާނީ ފަރުވާ ފޯރުކޮށްދީ، އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ތަކެތި ހޯދާ ދިނުމަށާއި، 1 އަހަރު ދުވަހަށް ބޭނުންވާ ކާބޯތަކެތި ހޯދާ ދިނުމަށެވެ.

މި އާއިލާއަށް އެހީތެރިވުމަށް ތިރީގައިވާ އެކައުންޓް ނަންބަރުތަކަށް ޑޮނޭޓް ކުރެވޭނޭ! ކުޑަ ކުޑަ މިންވަރަކުން ވެސް ބޮޑު ތަފާތެއް ދެއްކިދާނެ!

Moms aid donation

އެހީތެރިކަން ފޯރުކޮށްދިނުމަށް:

MVR 7730000562469

USD 7730000562470