އަހަރުގެ މިހާތަނަށް ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ އަށް ދައުލަތުގެ ބަޖެޓުން 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޕީއެސްއައިޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫއުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން ނޮވެމްބަރުމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ މަގު ހެދުމާއި، ބިން ހިއްކުން އަދި ދަތުރުފަތުރުގެ މަޝްރޫއުތަކަށެވެ.މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމަނާފައިވަނީ 8.9 ބިލިޔަން ރުފިޔާ އެވެ. އަދި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް މިދިޔަ އޮކްޓޫބަރުމަހު ފާސްކޮށްފައިވާ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް 2 ބިލިޔަން ރުފިޔާ ހިމަނާފަ އެވެ. އެހެންކަމުން މިއަހަރަށް ޕީއެސްއައިޕީއަށް ވަނީ 10.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ލިބިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެއާޕޯޓްތައް ތަރައްޤީކުރުމަށާއި ބިންހިތްކުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން އެއާޕޯޓްތައް ތަރައްޤީކުރުމަށް 2.3 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، ބިން ހިއްކުމުގެ މަޝްރޫއުތަކަށް 2.0 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އަންނަ އަހަރަށް 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، ބަޖެޓުގެ ބޮޑު ބައެއް ހާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓާ އިއިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ އަށެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާވަނީ ހިމަނާފަ އެވެ. ނަމަވެސް މަޝްރޫއުތަކުގެ ތަފްސީލު މިފަހަރުގެ ބަޖެޓް ފޮތުގައި ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިނުވެ އެވެ.