އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޓޫރިސްޓުން އަންނަ އަދަދު އިތުރުވިޔަސް އާމްދަނީ އިތުރު ނުވާ އެންމެ ބޮޑު ސަބަބަކީ ރިސޯޓުތަކުގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވެ، ގެސްޓް ހައުސްތަކުގެ ޑިމާންޑް އުފުލުން. ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން އިތުރުވާ މައިގަނޑު ސަބަބެެއް ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނަނީ ރިސޯޓުތަކަށް ވުރެ ގެސްޓް ހައުސްތަކުގެ އަގުތައް އެތައް ގުނައެއް ހެޔޮވުން.

ފަތުރުވެރިކަމުން މިދިޔަ އަހަރުގެ ފުރަތަމަ 10 މަހު ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ދާއިރާގެ އޮކިއުޕެންސީ މިދިޔަ އަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ހުރީ 57 ޕަސަންޓް ގަ އެވެ. އެގޮތުން އާމްދަނީގެ ގޮތުގައި އެ މުއްދަތުގައި ފަތުރުވެރިކަމުގެ ދާއިރާ އިން 3.4 ބިލިއަން ޑޮލަރު، 52 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ 10 މަހުގެ އޮކިޕެންސީ ރޭޓް 2023 ވަނަ އަހަރުގެ 10 މަހުގެ އޮކިއުޕެންސީ ރޭޓަށް ވުރެ ދެ ޕަސަންޓް މައްޗައް ގޮސްފައިވާއިރު، މިއަހަރުގެ ފުރަތަމަ 10 މަހުގެ ޓޫރިޒަމް އޮކިއުޕެންސީ ރޭޓު ހުރީ 59 ޕަސެންޓް ގަ އެވެ. އެހެން ނަމަވެސް ޓޫރިޒަމް ދާއިރާ އިން މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ލިބުނީ 2.9 ބިލިއަން ޑޮލަރު ނުވަތަ 45 ބިލިއަން ދިވެހި ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ ބޮޑު ދަށްވުމެކެވެ.

ފަތުރުވެރިކަމުން މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖެނުއަރީގަ އެވެ. އެގޮތުން ޖެނުއަަރީގައި ބޮޑު އާމްދަނީއެއް ލިބުނުއިރު އެ ދާއިރާގެ އާމްދަނީ އެންމެ ދަށަށް ދިއައީ މެއި މަހު އެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޓޫރިސްޓުން އަންނަ އަދަދު އިތުރުވިޔަސް އާމްދަނީ އިތުރު ނުވާ އެންމެ ބޮޑު ސަބަބަކީ ރިސޯޓުތަކުގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވެ، ގެސްޓް ހައުސްތަކުގެ ޑިމާންޑް އުފުލުމެވެ. ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން އިތުރުވާ މައިގަނޑު ސަބަބެެއް ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނަނީ ރިސޯޓުތަކަށް ވުރެ ގެސްޓް ހައުސްތަކުގެ އަގުތައް އެތައް ގުނައެއް ހެޔޮވުމެވެ.

ޖެނުއަރީގައި 589 މިލިއަން ޑޮލަރު، ނުވަތަ 9 ބިލިއަން ރުފިޔާ ލިބުނުއިރު މެއި މަހު ލިބުނީ 213 މިލިއަން ޑޮލަރު، ނުވަތަ 3.3 ބިލިއަން ދިވެހި ރުފިޔާ އެވެ.

ޓޫރިޒަމްގެ ދާއިރާ އިން ލިބުނު އާމްދަނީ ދަށްވި ނަމަވެސް މިއަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.