އިންޑޮނޭޝިއާއިން ވެސް އިނގިރޭސިވިލާތުގެ އޮކްސްފޯޑުން އުފެއްދި އެސްޓްރާޒެނެކާ ވެކްސިން ދިނުން މެދުކަނޑާލަން ނިންމައިފި އެވެ.

އެ ގައުމުން މި ގޮތަށް ނިންމީ ޔޫރަޕުގެ ބައެއް ގައުމުތަކުގައި ލޭގަނޑުވުމުގެ ރިޕޯޓްތަކުގެ ސަބަބުން ކަމަށް އިންޑޮނޭޝިއާގެ ހެލްތު މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"ދަ ޔޫރަޕިއަން މެޑިސިންސް އޭޖެންސީ" އިން ބުނިގޮތުގައި ލޭގަނޑުވުމުގެ ކޭސްތަކާއި ވެކްސިނާ އެއްވެސް ގުޅުމެއް ނެތެވެ.

މިދިޔަ ހުކުރު ދުވަހު ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މިހެން ބުނެފަ އެވެ. އެސްޓްރާޒެނެކާއިން ވެސް ވަނީ ވެކްސިންގެ ސަބަބުން ލޭގަނޑުވުމަށް މަގުފަހިވާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އާދީއްތަ ދުވަހު ބުނެފަ އެވެ.

އިންޑޮނޭޝިއާ އަށް ވަނީ 1.1 މިލިއަން އެސްޓްރާޒެނެކާ ވެކްސިން ޑޯޒް މިމަހު ލިބިފަ އެވެ. އަދި ޖެހިގެން އޮތް ދެ މަސްދުވަހު އިތުރު ދިހަ މިލިއަން ޑޯޒް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެސްޓްރާޒެނެކާ ވެކްސިން ނުދޭ ނަމަ ދެން އިންޑޮނޭޝީއާއިން އެ ގައުމުގެ ރައްޔިތުންނަށް ދޭން ޖެހޭނީ ޗައިނާގެ ސިނޮވެކްސް ވެކްސިނެވެ.

މީގެ ކުރިން ވެކްސިން ދިނުން މަޑޫޖައްސާފައި އޮތް ތައިލޭންޑުން އެ ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވި އެވެ. ތައިލޭންޑަކީ ޔޫރަޕުން ބޭރުގެ ގައުމުތަކުގެ ތެރެއިން ވެކްސިން ދިނުން މަޑުޖައްސާލި ފުރަތަމަ ގައުމެވެ.

އިންޑޮނޭޝިއާގައި ވެކްސިން ދޭންފަށާފައި ވަނީ މިދިޔަ ޖަނަވަރީ މަހު އެވެ. އަހަރެއްގެ ތެރޭގައި 181.5 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އެ ގައުމުން އަމާޒުކުރެ އެވެ.

މި ގައުމަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ބަލިމަޑުކަން އެންމެ ގަދަޔަށް ފެތުރެމުންދާ ގައުމެވެ. 1.4 މިލިއަން މީހުން ޕޮޒިޓިވްވެ 38،500 މީހުން މިބަލީގައި މަރުވެފައިވެ އެވެ. -- ރޮއިޓާސް