އިދިކޮޅު ޕާޓީ އެމްޑީޕީން މަސައްކަތް ކުރަނީ ގާނޫނު އަސާސީ ދިފާއުކުރަން ނޫންކަމަށާއި އެ ޕާޓީން މަސައްކަތް ކުރަނީ ގައުމުގެ މަހަޖެހުން ނަގާލަން ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން "ގާނޫނު އަސާސީގެ ދިފާއުގައި" މި ނަމުގައި މިރޭ ކާނިވަލުގައި ޖަލްސާއެއް ބާއްވަން ނިންމުމާ ގުޅިގެން ސަރުކާރުން ގެންދަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، މަޖިލީހުގަ އާއި ސޯޝަލް މީޑިއާގައި އެކި ކަހަލަ ދޮގު ވާހަކަތައް ފަތުރަމުންނެވެ.

މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ހުޅުވާލި ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ރިފާއު ވިދާޅުވީ ފެންނަނީ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން މުޅި ގައުމު ހަލަބޮލިކޮށްލުމަށްޓަކައި މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

"އެމްޑީޕީ އަކީ ރާއްޖޭގެ ގާނޫނުއަސާސީ ދިފާއުކުރެވޭވަރުގެ ޕާޓީއެއް ނޫން. ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި އެ މަސައްކަތް ކުރަނީ ގައުމުގައި އޮތް ހަމަޖެހުން ނަގާލަން،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ގޮވުމަކީ އިދިކޮޅުން މަސައްކަތްކުރަން ޖެހޭ ގޮތް ނޫން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ކަންކަމަށް ގޮވާލާ މީހުން ވަގުތުން ވަގުތަށް ހައްޔަކުރުމަށް ވެސް ރިފާއު ވަނީ ގޮވައިލައްވާފަ އެވެ.

"މިއަދުން މިއަދަށް ވަގުތުން ވަގުތަށް އެ ކަންކަމަށް އެ ގޮވައިލާ ފަރާތްތައް ހައްޔަރުކޮށް އެ ބޭފުޅުންގެ ތަހުގީގު ހިންގަން ކަމާބެހޭ ވުޒާރާތަކަށް ގޮވާލަން. މި ކަހަލަ ކަންކަން ދޫކޮށްލައިފި ކަމަށް ވާނަމަ މާދަމާ މީގެން ނުކުމެދާނެ ނަތީޖާ ވަރަށް ހިތިވެދާނެ،" އޭނާ ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ އެ އަމަލަކީ ޓެރަރިޒަމަށް މަގުފަހިވާ އަމަލަކަށްވުމުން، ޓެރަރިޒަމްގެ އަމަލުތައް މަނާކުރުމަށް ގާނޫނުއަސާސީން ބާރުއަޅާ ކަމަށެވެ. އެގޮތުން، ބޮޑެތި ކުށްތައް ބަޔާންކޮށް އެކަމުގެ އަދަބުތައް ވެސް ކަނޑައެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.