ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއާއި ގުޅިގެން ކޯޓު އަމުރުގެ ދަށުން އިތުރު ޑްރައިވަރަކު ރޭ ހައްޔަރުކޮށްފި އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ވަނީ ބުދަ ދުވަހު މުޒާހަރާކޮށްފަ އެވެ.
ހައްޔަރުކޮށްފައިވަނީ ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާހު ޝަރީފު އެވެ. މިސްބާހު ހައްޔަރު ކުރީ ރޭ ވެސް މުޒާހަރާކުރަން އިއުލާނުކޮށްފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ނިރޮޅުމަގު ބަންދުކޮށްގެން ކުރި މުޒާހަރާއާ ގުޅިގެން ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކޯޓަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.
ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއާ ގުޅިގެން ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އެރޭ ފުލުހުން ވަނީ 21 ޓެކްސީ ވެސް ޓޯކޮށްފަ އެވެ. ޓޯ ކުރި ބައެއް ޓެކްސީތައް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން ނިންމައި ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. ނަމަވެސް އެފަހަރުވެސް ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުމާއި ގުޅިގެން ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.
އޭގެފަހުން އޮކްޓޫބަރު މަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވަނީ ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައިފައި ވާކަމަށް ވިދާޅުވެފަ އެވެ.