ގިނަ ދިވެހިން ވެސް ކެއްކުމުގައި ބޭނުންކުރާ ކުކިން އޮއިލްގެ ސަބަބުން ކޮލޯން ކެންސަރަށް މަގުފަހިވާ ކަމަށް ޑޮކްޓަރުން އިންޒާރުދީފި އެވެ.
އެމެރިކާގެ ސަރުކާރުން އިސްނަގައިގެން ހަދާފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި ހުޅަނގުގެ ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ ތެލުގެ ބާވަތްތައް ކަމަށްވާ ސަންފްލާވާ، ކެނޯލާ އަދި ކޯން ތެލުން ކެންސަރަށް މަގުފަހިވެ އެވެ. އެގޮތުން މިބާވަތްތަކުގެ ތެޔޮ ދިގު މުއްދަތަކަށް ބޭނުން ކޮށްފިނަމަ ކޮލޯން ދުޅަވެ ދިގު މުއްދަތަކަށް ދެމިގެންދާ ކޮލޯންގެ އެހެން ބަލިތަކަށް ވެސް މަގުފަހިވާ ކަމަށް އެ ދިރާސާގައިވެ އެވެ.
ކޮލޯން ކެންސަރަށް ފަރުވާ ހޯދަމުންދާ އުމުރުން 30 އަހަރާއި 85 އަހަރާ ދެމެދުގެ 80 މީހުންގެ ޓިއުމަރުތައް ތަހުލީލު ކުރި ކުރުމުން އެ ޓިއުމަރުތަކުގައި ގިނަ އަދަދަކަށް ތެޔޮ މޮލިކިއުލްސް އެކުލެވޭ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
ހާއްސަކޮށް ޒުވާނުންނަށް މި ނުރައްކާ އިތުރަށް ބޮޑު ކަމަށާއި ޕްރޮސެސްޑް ތެލުން ޒުވާނުންގެ ދިފާއީ ނިޒާމު ބަލިކުރުވާ ކަމަށް ވެސް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.
މި ބާވަތްތަކުގެ ތެލުގެ ބަދަލުގައި ބޭނުން ކުރަން އެންމެ ރަނގަޅީ ގިނަ އަދަދަކަށް އޮމެގާ 3 އެކުލެވޭ އެވޯކާޑޯއާއި އޮލިވް އޮއިލް ފަދަ ބާވަތްތައް ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.