ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ހަމާސް އާއި އިޒްރޭލާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޣައްޒާއަށް ދެމުންދާ އިންސާނީ އެހީތެރިކަން އިޒްރޭލުގެ ޔަހޫދީން ހުއްޓުމަކަށް ގެނެސްފައިވާއިރު، ބޯފެން ލިބޭނެ މަގުތައް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން ބޯނެ ފެންފޮދެއް ނުލިބުމާއި ގުޅިގެން ގިނަ އަދަދެއްގެ ކުޑަކުދިން މަރުގެ ތުންފަތްމަތީގައި ވާކަމަށް ފަލަސްތީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް ސާފު ބޯފެން ލިބޭނެ މަގުތައް ޔަހޫދީ ސިފައިން ބަންދުކޮށްފައިވާއިރު، ޣައްޒާގެ މުސްލިމު ކުޑަކުދިން ބޯފެނުން މަޙްރޫމު ކުރުވުމަކީ ނަސްލު ނައްތައިލުމަަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ.
ޣައްޒާގެ ތުއްތު ކުދިންނަށް ބޯފެން ނުލިބޭގޮތަށް، ޔަހޫދީ ފައުޖުތަކުން މަގުތައް ބަންދުކޮށްފައި ވާއިރު، މި ކަމާއި ގުޅިގެން ހިޔުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)ން ވެސް ބުނެފައިވަނީ މިއީ ޔަހޫދީން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއް ކަމުގައިވާ އެޗްއާރްޑަބްލިޔުން ބުނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ތެރެއިން ސާފު ބޯފެނުން މަޙްރޫމު ކުރުވައިގެން އެތަކެއް ހާސް ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ވަނަ ދުވަހު އެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އެ ދުވަހު ޒަޔަނިސްޓު އިޒްރޭލުގެ ރަށްތަކަށް ދީފައިވާ ޖިހާދީ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ފެށި ޖަރީމާތަކެކެވެ. ހަމާސްގެ މުޖާހިދުން ޔަހޫދީންނަށް ކުއްލި ހަމަލާތަކެއް ދީފައި ވަނީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިއުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ.
އެ އުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ގެދޮރު ނެތިކޮށްލާފަ އެވެ. އެ މީހުންގެ ގެދޮރުގެ އިތުރުން ހަސްފަތާލުތަކާއި މަދަރުސާތަކާއި އެހެން އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފަ އެވެ. އަދި، ކާބޯތަކެތިން މަހުރޫމު ކުރުވުމަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައި، އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖައްސާފަ އެވެ.
ފަލަސްތީނުގެ ހަމާސް މުޖާހިދުން ފަލަސްތީން މިނިވަން ކުރުމަށް ފެށައިގެން ކުރިއަށް ގެންދާ މި އޮޕްރޭޝަނާއި ގުޅިގެން އޭގެ ރައްދެއްގެ ގޮތުން އިޒްރޭލުން ދަނީ ގާޒާއަށް ލިބެމުން ދާ ހުރިހާ އިންސާނީ އެހީތަކަކަށް ހުރަސް އަޅައި އެތަން ސުންނާފަތި ކުރަމުންނެވެ.
ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ކަރަންޓާއި ބޯފެނާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތީގެ އިތުރުން ކާބޯތަކެތި ލިބުން ވެސް މިހާރު ވަނީ ހުއްޓުވާފައިވާއިރު، ޔަހޫދީންގެ މި ރަހުމު ކުޑަ އަމަލާއި ގުޅިގެން ގާޒާގެ އެތަކެއް ކުޑަކުދިންނަކަށް ވަނީ ކާބޯތަކެއްޗާއި ބޯފެން ލިބުމަށް ދަތިތަކާއި ކުރިމަތިވެފައެވެ.
ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ހާމަކުރި ގޮތުގައި ސާފު ބޯފެން ނުލިބުމުގެ ސަބަބުން އެތައްބަޔަކު ފެނަށް ޖެހެމުން އަންނަކަމަށާއި އޭގެ ތަރޭގައި ސާފު ބޯފެން ނުލިބުމުގެ ސަބަބުން ފެނަށްޖެހި އެތައް ކުޑަކުދިންނެއް ޝަހީދުވުމުގެ ބިރު ހީވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ ޢަދަދު ވެސް މިހާރު ވަނީ 30,000 އިން މައްޗަށް ގޮސްފަ އެވެ.
ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ އަދާހަމަތަކުގައި ބުނެފައިވަނީ ޝަހީދުވި މުސްލިމުންގެ އަދަދު 43،469 އަށް އަރައިފައިވަ ކަމަށާއި އޭގެ ތެރޭގައި 17،000 އަށްވުރެ ގިނަ ކުޑަކުދިންނާއި 11000 އަށް ވުރެ ގިނަ އަންހެނުން ހިމެނޭކަމަށެވެ.