ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް ނުވަތަ އާންމު ނަމުން ނަމަ އެލީ އަކީ ލަވައިގެ ދުނިޔޭގައި އަރަމުން އަންނަ ތަރިއެކޭ ބުނުމުގެ ޖާގަ އެބައޮތެވެ.

ނަސްރުގެ ދުވަހާ ގުޅުވައިގެން އެލީ އާއި މަހުލޫފް ކި ލަވައާއި، އެލީގެ އަށްވަނަ އުފަންދުވަހާ ދިމާކޮށް މޯލްޑިވިއަން އައިޑޮލްއިން ވިދާލި ހަމޫދާއެކު، ގަނާ ކުރުމާ ދެކޮޅަށް ކިޔާފައިވާ ލަވަ ގިނަ ބަޔަކަށް ކަމުދިޔަ އެވެ. މީގެ އިތުރުން އެމްއެމްއޭސީ އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މަދަހަ ރަން އަޑު މުބާރާތުން އެލީ ވަނީ ނުވަ އަހަރުން ދަށުގެ އުމުރު ފުރައިން ތިން ވަނަ ހޯދާފަ އެވެ. އެއާއެކު އޮރިޖިނަލް މިއުޒިކް ކޭޓަގަރީ އިން އެއްވަނަ އަދި އޮރިޖިނަލް ލިރިކްސް ކޭޓަގަރީ އިން ތިން ވަނަ ލިބުނެވެ.

މިހާރު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު ނަމެއް ކަމަށްވާ ކަމަށްވާ ޒީ މިއުޒިކް ކޮމްޕެނީ އިން މިވަނީ އެލީގެ ލަވައެއް ނެރުމަށް ތައްޔާރުވެފަ އެވެ. ހިންދީ ބަހުން ކިޔާފައިވާ މި އޮރިޖިނަލް ލަވައިގެ ނަމަކީ "ޖީނޭ ވީ ވަޖާ" އެވެ. އަދި އެލީ އާއެކު މި ލަވަ ކިޔާފައި ވަނީ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޖާވިދް އަލީ އެވެ.

މިކަން ހާމަކޮށް މަހުލޫފް ކުރި ޓުވީޓާއެކު ގިނަ ބަޔަކު މަހުލޫފުގެ ދެމަފިރިންނާއި ދަރިފުޅު އެލީއަށް މަރުހަބާ ކިޔަމުންދާ އިރު، އެމީހުންނާ އެއްވަރަށް ފާޑުކިޔާ މީހުންގެ އަޑު ވެސް ވަނީ ގަދަވެގެން ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ތުހުމަތު ކުރަމުން ދަނީ އެލީ އަށް ލަވަކިޔުމުގެ ދާއިރާއިން ފުރުސަތުތައް ހޯދާދިނުމުގައި މަހުލޫފު މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށެވެ.

މިއީ ނެޕޮޓިޒަމްގެ އަމަލެއް ކަމަށް ބުނެ ޓުވީޓް ކޮށްފައިވާ މީހަކަށް މަހުލޫފު ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދިގު ރައްދެއް ދީފަ އެވެ.

https://www.instagram.com/p/CMkaaoKhJhi/

އެގޮތުން މަހުލޫފު ވިދާޅުވި ގޮތުގައި ދަރިފުޅު އެލީގެ ކުރިއެރުމަށް ބައްޕަގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ އޭނާގެ ޒިންމާ އެކެވެ. އަދި އެލީގެ ކަމަކަށް ވެސް އަމިއްލަ ކަމަކަށް ވެސް، ދައުލަތުގެ ފައިސާއެއް އަދި މަގާމުގެ ނުފޫޒެއް ބޭނުންކުރައްވާފައި ނުވާނެ ކަމަށާއި، ނުވެސް ކުރައްވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"ނުހައްގުން އެއްވެސް ފުރުސަތެއް އެލީއަށް ހޯދައިދޭން، ކުރިއެރުމެއް ހޯދައިދޭން މަސައްކަތް ނުކުރާނަން. އޭރުން އެ އޮޅުވާލެވެނީ އަމިއްލަ ނަފްސަށް. އަމިއްލަ ދަރިފުޅަށް،" މަހުލޫފު ލިޔުއްވާފައިވެ އެވެ.

"ވަޒީރަކަށް އައުމުގެ މާކުރިން، 2014 ވަނަ އަހަރުގެ އައިފާ އެވޯޑް ހަފްލާއިން ފެށިގެން އަމިއްލަ ޝައުގުވެރިކަމުގެ ތެރެއިން ބޮލީވުޑްގައި ގިނަ ރައްޓެހިން ތިބޭ. އެކަމަށް ބައެއް މީހުން ހަޖޫ ޖަހާ. އެލީގެ އުމުރުން ތިން އަހަރުން ފެށިގެން ހިންދީ ބަހުން ވާހަކަ ދައްކާތީ، ބޮލީވުޑަށް އޮތް އިންޓްރެސްޓްގެ ތެރެއިން އައި ހިޔާލެއް މިއީ."

މަހުލޫފު އިތުރަށް ވިދާޅުވި ގޮތުގައި މިއީ އެންމެންނަށް ވެސް އޮތް ފުރުސަތެއް ކަމަށާއި އެހެން ނަމަވެސް މި ފުރުސަތަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހެ އެވެ. އަދި ހަރަދު ވެސް ކުރަން ޖެހެ އެވެ. މިފަދަ ކަމެއްގައި އެހީތެރިކަން ބޭނުންވާ މީހަކު ހުރި ނަމަ އެ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުރި ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މި ލަވައިގެ ރައިޓްސް ޒީ އަށް ދީފައި އޮތަސް މިއީ ހަ މަސް ދުވަހުގެ ބުރަ މަސައްކަތް ކަމަށް މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފްގެ ވާހަކަތަކާއި ގުޅުވައިގެން އަނބިކަނބަލުން ނަޒްރާ ނަސީމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ކުއްޖާގެ ނަމުގެ ފަހަތަށް ދައުލަތުގެ މަގާމެއްގައި ހުންނަ މީހެއްގެ ނަން އައުމަކީ ކުއްޖާއަށް ހައްގު ގޮތުގައި ލިބެން އޮތް ފުރުސަތުން މަހުރޫމްވާން ޖެހެ ކަމެއް ނޫން ކަމަށެވެ.

"ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ދަރިއެއް ގައިގައި ހުރި ހުނަރެއް ކުރިއެރުވުމުގެ ފުރުސަތު އޮންނާނެ،" ނަޒޫ ވިދާޅުވި އެވެ.

މަހުލޫފްއާއި އޭނާގެ އާއިލާއަކީ މުނިފޫހިފިލުވުމުގެ ދާއިޜާއަށް ލޯބިކުރައްވާ ބޭފުޅުން ތިއްބަވާ އާއިލާއެކެވެ. އެގޮތުން އާއިލާއާއި އެކު އިންޑިއާ ކުރައްވާ އަމިއްލަފުޅު ދަތުރުތަކުގައި އެ ގައުމުގެ މަޝްހޫރު ތަރިންނާ ބައްދަލު ކުރައްވަ އެވެ. އެގޮތުން އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ވެސް މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަދި ލަވަ ކިޔުންތެރިޔާ ޝާން އާއި ސުނިލް ޝެޓީއާ ވެސް ބައްދަލުކުރެއްވި އެވެ. މިއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އިންތިޒާމުކުރާ ބައްދަލުވުންތައް ކަމަށް ބުނެ މަހުލޫފަށް ފާޑުން ކިޔުން އަމާޒުވެފައި އޮވެ އެވެ.

2015 ވަނަ އަހަރުގެ އައިފާ އެވޯޑް ގައި މަހްލޫފް އާއި އަނބިކަނބަލުން ނަޒޫ ފިލްމީތަރި ރިތިކް ރޯޝަން އާއި އެކީ. ފޮޓޯ: ސޯޝަލް މީޑިއާ

ދަރިފުޅު އެލީ ފަދައިން މަހުލޫފަކީ ވެސް ވަރަށް ރީއްޗަށް ލަވަ ވިދާޅުވާ ބޭފުޅެކެވެ.

މަހުލޫފުގެ ލަވަ ވިދާޅުވުމުގެ ހުނަރު އާންމުންނަށް ފެނިގެން ދިޔައީ ޓީވީއެމުން ރޯދަމަހަށް ހާއްސަކޮށް ގެނެސްދިން އެ ހަނދާނުގާ ޝޯގައި ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއެކު ވިދާޅުވި "އެދިގެން މިރޭ ދާނަމޭ" ލަވައިގެންނެވެ.