ހޮލީވުޑުން މި އަހަރު ރިލީޒްކުރި ގެވެށި އަނިޔާއާ ގުޅޭ ފިލްމު "އިޓް އެންޑްސް ވިތް އަސް"ގެ ތަރި ބްލޭކް ލައިވްލީ ފިލްމްގެ ލީޑް ފިރިހެން ރޯލް އަދާކުރި ޖަސްޓިން ބަލްޑޯނީގެ މައްޗަށް ޖިންސީ ފުރައްސާރަ ހިމެނޭހެން ގާނޫނީ ބޮޑު ދައުވާއެއްކޮށްފި އެވެ.

ބްލޭކްގެ ފަރާތުން ޖިންސީ ފުރައްސާރައިގެ ދައުވާގެ އިތުރުން އަބުރުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. ޖަސްޓިިންގެ ގާނޫނީ ޓީމުން ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ބްލޭކް އާއި ޖަސްޓިންގެ ދެމެދުގައި މައްސަލަ ޖެހުނުކަން މީޑިއާއަށް ފުރަތަމަ އެނގިފައިވަނީ ފިލްމު ރިލީޒްކުރުމުގެ ތެރޭގަ އެވެ. ދެ ތަރިންގެ މެދުގައި ވަރަށް ބޮޑަށް މައްސަލަޖެހި، ފިލްމު ރިލީޒްކުރި ހަފްތާގައި ދެ ތަރިން އެކީގައި އެއްވެސް އިވެންޓެއްގައި ވެސް ނުފެނެ އެވެ. ގިނަ އިވެންޓްތަކުގައި ޖަސްޓިން ބައިވެރިއެއް ނުކުރެެ އެވެ. ފެންނަ ފެނުމަށް މުޅި ކާސްޓް ހުރީ ބްލޭކްއާ އެކު އެވެ.

މިއާއެކު ސޯޝަލް މީޑިއާ މި މައްސަލަތަކާ ބެހޭ އެތައް ވާހަކައެއް ދިޔައީ ފެތުރެމުންނެވެ. އަދި ޖަސްޓިންގެ ފަރާތުން މީޑިއާގައި އޭރު ދެކެމުން ދިޔަ ވާހަކަތައް މެނޭޖްކުރުމަށް ޕީއާރް ފާމެއް ވެސް އެހީ ވެސް އޭނާ ހޯދި އެވެ.

ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގެ ވާހަކަތައް ހުރިގޮތުން އޭރު ބޮޑަށް މީހުން ބުރަވީ ޖަސްޓިންގެ ކޮޅަށެވެ. ބްލޭކް ތުހުމަތުކުރަނީ މީޑިއާތަކުގައި އޭނާއާ ދެކޮޅަށް އޭރު ހިނގި ކެމްޕޭނުތަކަކީ ޕީއާރު ކުންފުނި މެދުވެރިކޮށް ރާވައިގެން ޖަސްޓިން ކުރިކަމެއްގެ ގޮތުގަ އެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ އަބުރަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބުނު ކަމަށް ބްލޭކް ދައުވާ ކުރެ އެވެ.

ބްލޭކްގެ ފަރާތުން ހުށަހަޅާފައިވާ ދައުވާގައި ފިލްމްގެ ޝޫޓިންގެ ތެރޭގައި ދިމާވެފައިވާ އެތައް ހާދިސާއެއްވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. ފިލްމުގެ ސެޓެއްގެ ތެރޭގައި ފިރިހެން ތަރިއަކު ކުރަން ނުރަނގަޅު އެތައް ހާދިސާއެއް އޭނާ ވަނީ ހުށަަހަޅާފަ އެވެ. މީގެ އިތުރުން ޖަސްޓިންގެ ޕީއާރު ފާމްއާއި ޖަސްޓިންގެ ދެމެދުގައި ކޮށްފައިވާ މެސެޖްތަކެއް ވެސް ބްލޭކްގެ ފަރާތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.