ކޮވިޑަށް ދޭ އެސްޓްރާޒެނެކާ ވެކްސިނުން ލޭގަނޑުވުމުގެ މައްސަލަ ދިމާވާ ކަމަށް ބުނަން މާ އަވަސް ކަމަށް ނޯވޭ އިން ބުނެފި އެވެ.
ނޯވޭގެ ހެލްތު އޮތޯރިޓީން ބުދަ ދުވަހު ބުނިގޮތުގައި އެސްޓްރާޒެނެކާ ވެކްސިނާއި އެ ގައުމުގައި ދިމާވި ލޭއާއި ގުޅުން ހުރި ކޭސްތަކާ ގުޅުމެއް އޮތް ކަމަށް ބުނަން އަދި މާ އަވަހެވެ.
ނޯވޭއިން މި ކޭސްތަކާއި ގުޅިގެން މިވެކްސިން ޖެހުން ހުއްޓާލާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.
"މިވަގުތު ލިބިފައިވާ މައުލޫމާތަށް ބިނާކޮށް ރިޕޯޓުކޮށްފައިވާ ކޭސްތަކާއި އެސްޓްރާޒެނެކާ ވެކްސިނާ ގުޅުމެއް އޮތް ކަމެއް ނޭނގޭ،" ނޯވީޖެން އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުގެ އިސްވެރިޔާ ކަމީލާ ސްޓޮލްޓެންބާގް ވިދާޅުވެފައިވެ އެވެ.
މި އިންސްޓިޓިއުން ދިޔައީ ވެކްސިން ޖަހާފައިވާ މީހުންގެ އެފަދަ ކޭސްތަކާއި ވެކްސިން ނުޖަހާ ތިބި މީހުންގެ އެފަދަ ކޭސްތައް އެނަލައިޒް ކުރަމުންނެވެ.
ޔޫރަޕިއަން މެޑިސިންސް އޭޖެންސީ އިން މި ހަފުތާގައި ބުނެފައިވަނީ އެސްޓްރާޒެނެކާ ވެކްސިން ދިނުން ހުއްޓުވަން ޖެހޭ ސަބަބެއް ނެތެވެ. އަދި ޑަބްލިއުއެޗްއޯ އިން ބުދަ ދުވަހު ބުނީ އެސްޓްރާޒެނެކާ ވެކްސިންގެ ފައިދާ އެއިން ލިބިދާނެ ގެއްލުމަކަށް ވުރެ ބޮޑު ކަމަށެވެ.
ކަމީލާ ވިދާޅުވެފައިވާ ގޮތުގައި ވެކްސިންތަކަށް އިތުބާރު ކުރަންޖެހެ އެވެ. އަދި ހެލްތު ވޯކަރުންނާއި ރައްޔިތުންނަށް ކަންތައް ކުރިޔަށްދާ ގޮތާއި އެސެސް ކުރެވެނީ ކޮން ކަންތައްތަކެއްތޯ އެންގުމަށް އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ ވެކްސިންދިނުމުގެ މަރުހަލާ ރަގަޅަށް ކުރިއަށް ގޮސްގެން ކަމަށް ވެސް ކާމިލާ ވިދާޅުވެފައިވެ އެވެ.
ނޯވޭއިން އެސްޓްރާޒެނެކާގެ އިތުރުން ފައިޒާ އާއި މޮޑާނާ ވެކްސިން ވެސް ބޭނުން ކުރެ އެވެ.
މާޗް 16 އާއި ހަމައަށް އެ ގައުމުގައި 5.4 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދެވިފައިވެ އެވެ. މީގެ ތެރޭގައި 451،000 މީހުންނަކީ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނެވެ. އަދި 258،000 މީހުންނަކީ ދެވަނަ ޑޯޒް ވެސް ޖަހާފައިވާ މީހުން ކަމަށްވެ އެވެ. -- ރޮއިޓާސް