ލޯބީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް "ރޯލީމޭ" މި މަހުގެ 30 ވަނަ މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ޕްރިމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މި ސީރީޒް ޕްރިމިއާ ކުރާ ދުވަސް އަދި ސީރީޒްގެ ޕޯސްޓަރު ވަނީ މީޑިއާނެޓުގެ ވީޑިއޯކްލަބް ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި މިހާރު ވަނީ ޕޯސްޓުކޮށްފަ އެވެ.

މި ސީރީޒްއަކީ މީޑިއާނެޓް އޮރިޖިނަލްސް ބެނާގެ ދަށުން ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ ޑާކް ރެއިން އެންޓަޓެއިންމަންޓް އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މިއީ މީޑިއާނެޓާއި ޑާކްރެއިން ގުޅިގެން ގުޅިގެން ތައްޔާރުކުރާ ފުރަތަމަ ސީރީޒް/ ފިލްމެއް ނޫނެވެ. މީގެ ކުރިން މިދެފަރާތުން ގުޅިގެންވަނީ ދިވެހިންގެ މެދުގައި މަގްބޫލު ފިލްމާއި ސީރީޒްކަމުގައިވާ "ހިނދުކޮޅެއް" އަދި "ރޫމީ އާއި ޖަންނަތު" ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

"ރޯލީމޭ" މި ސީރީޒްއަކީ ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން އޮކްޓޫބަރު މަހު އޮލިމްޕަސް ސްކްރީނުގައި އެޅުވި ހޮރޯ-ކޮމެޑީ ފިލްމު "ބިބީ" ލިޔެ، ޑައިރެކްޓްކުރި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ. މި ސީރީޒްގެ ކާސްޓުންގެ ގޮތުގައި ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގްބޫލު ދިވެހިންގެ ލޯބި ލިބިފައިވާ ގިނަ ތަރިންތަކެއް ފެނިގެންދާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ. އޭގެ ތެރޭގައި ޝަރަފް އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުޢައިބު (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ނުހާ އަދި ޝީލާ ނަޖީބު ފާހަގަކޮށްލެވެއެވެ. މި ސީރީޒްގައި ޖުމްލަ 15 އެޕިސޯޑު ހިމެނިފައިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީޑިއާނެޓުގެ ވީޑިއޯކްލަބުން ވަނީ 2024 ވަނަ އަހަރު ރީތި ސީރީޒްތަކަކާއި ފިލްމުތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. މީގެ ތެރޭގައި "އެރެއަށްފަހު" އަދި "ޝަރުތު" ފަދަ ސީރީޒްތަކާއި "ފުރޭތަ" އަދި "ނީނާ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރި ފިލްމު "ރޮބޯމޭން – ދަ މޫވީ" ވަނީ އޮލިމްޕަސް ސިނަމާގައި ވެސް އަޅުވާ ކުދިބޮޑު ގިނަފަރާތްތަކެއްގެ މަގްބޫލުކަން ހޯދާފަ އެވެ. ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން، އިނގިރޭސި، ހިންދީ އަދި ކާރޓޫން ފިލްމާއި ސީރީޒްގެ ލައިބްރަރީއެއްވަނީ ވީޑިއޯކްލަބް ޚިދުމަތުގައި ހިމަނާފަ އެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް މީޑިއާނެޓު ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް ޓީވީ އަދި ފޯނު މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެ އެވެ.