މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް އުވައިލައްވައި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ރައީސް މުހައްމަދު މުއިއްޒު ގެންނަވައިފި އެވެ.

އެގޮތުން މިއަދު ހައުސިން މިނިސްޓްރީ އުވާލެއްވުމަށްފަހު ރައީސްވަނީ އެ މިނިސްޓްރީގެ ދަށުން ކުރަމުން އައި ބައެއް މަސައްކަތްތައް އެހެނިހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކުރައްވައި އެ މިނިސްޓްރީތަކުގެ ޕޯޓްފޯލިއޯތަކަށް ބަދަލުގެންނަވާފަ އެވެ.

މިއާއެކު ހައުސިން މިނިސްޓްރީގެ ދަށުން ހިނގަމުން އައި ޕްލޭނިންގެ މަސައްކަތްތައް މިނިސްޓްރީގެ އޮފް ފިނޭންސްގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ. މި ބަދަލާއެކު ފިނޭންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް ވަނީ ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީގެ ވަޒީރަކަށް ހުންނަވާނީ މިހާރުވެސް އެ މަގާމުގައި ހުންނެވި މޫސާ ޒަމީރެވެ.

ހައުސިން މިނިސްޓްރީގެ ދަށުން ކުރަމުން އައި ގެދޮރުވެރިކަމާއި ގުޅޭ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީގެ މިނިސްޓަރަކީ މިހާރުގެ ވެސް މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

ހައުސިން މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި އަލީ ހައިދަރު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ސްކިލްސް ޑިވެލޮޕްމެންޓު އެންޑް ލޭބާގެ މަގާމަށް ބަދަލުކޮށް އެ މަގާމުގައި މިހާތަނަށް ހުންނެވި މަރިޔަމް މާރިޔާ ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް ބަދަލުކޮށްފަ އެވެ.

އެގްރިކަލްޗާ މިނިސްޓަރަކަށް ކުރިން ހުންނެވި އާއިޝަތު ރަމީލާ ވަނީ ދާދިފަހުން އިސްތިއުފާ ދެއްވާފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓްރީ އުވާލައްވާފައިވާއިރު، މި ސަރުކާރުން ބޯހިޔާވަހިކަމުގެ އެއްވެސް ވައުދެއް ނުފުއްދި ވަނީ އެ ދާއިރާއިން ފެއިލްވެފައިކަން ފާހަގަކޮށްލެވެ އެވެ. މި ސަބަބުތަކާއެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށް މި މަހު ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެ ވަނީ އަނދާހުލިވެފަ އެވެ.