އިތުބާރު ނެތްކަމުގެ ވޯޓަކުން ރައީސްކަމުން ދުރުކުރި ރައީސް ޔޫން ސުކް ޔިއޯލް ހައްޔަރުކުރުމަށް ދެކުނު ކޮރެއާގެ ސޯލްގެ ކޯޓަކުން އަމުރެއް ނެރެފި އެވެ.

ޔޫން ހައްޔަރުކުރުމުގެ އަމުރު ނެރުނީ 3 ޑިސެމްބަރުގައި މާޝަލް ލޯ ތަންފީޒު ކުރަން އޭނާ މަސައްކަތް ކުރުމާ ގުޅިގެންނެވެ.

މި އަމުރު ނެރެފައިވަނީ ޔޫން، ޤައުމާ ދެކޮޅަށް ހިޔާނާތްތެރިވުމުގެ ތުހުމަތުތަކާ ގުޅިގެން ކުރެވެމުންދާ ތަހުގީގުތަކާއި ކުރިމަތިލަމުންދާ ދަނޑިވަޅެއްގަ އެވެ. ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ތަހުގީގަށް ސުވާލު ކުރުމަށް ހާޒިރުވުމަށް ތިން އަމުރު ފޮނުވުމުންވެސް ޔޫން ހާޒިރުވެވަޑައިގެންފައި ނުވާކަމަށް އަމުރުގައިވެ އެވެ.

އާދިއްތަ ދުވަހުގެ ރޭ، ތަހުގީގުކުރާ ފަރާތްތަކުން ވަނީ ޔޫންގެ މައްޗަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާގެ ދަށުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފަ އެވެ. އޭނާގެ ވަކީލު މި ފިޔަވަޅު ސިފަކޮށްފައިވަނީ "ޤާނޫނާ ހިލާފު" ކަމެއްގެ ގޮތުގަ އެވެ.

ދެކުނު ކޮރެއާގައި މާޝަލް ލޯ އިއުލާން ކުރުމާ ގުޅިގެން އެ ގައުމު ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ޔޫންއަކީ ދެކުނު ކޮރެއާގެ އިންތިޚާބު ކުރެވިފައިވާ ރައީސެއްގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރެވުނު ފުރަތަމަ ރައީސެވެ.

ކޯޓުގެ އަމުރުގައި 48 ގަޑިއިރުގެ މުއްދަތެއް ދީފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ހައްޔަރުކޮށް ސުވާލު ކުރާނެކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، އޭނާގެ ސެކިއުރިޓީ ޓީމާއި އިހުތިޖާޖު ކުރާ ފަރާތްތަކުން ހުރަސް އެޅުމުގެ ސަބަބުން މި އަމުރު ތަންފީޒު ކުރެވިދާނެކަމާމެދު ސުވާލު އުފެދެ އެވެ.

ކުރިން ވެސް ރައީސް ޔޫންގެ ސެކިއުރިޓީ ސާވިސްއިން ވަނީ ތަހުގީގު ކުރާ ފަރާތްތައް ރައީސް އޮފީހުގެ ގޯތި ތެރެއަށާއި ރައީސްގެ އަމިއްލަ ގެއަށް ވަދެ ކޯޓުން ހުއްދަ ދީފައިވާ ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފަ އެވެ.

ހޯމަ ދުވަހު، ޔޫންގެ ޤާނޫނީ ޓީމުން ބުނެފައިވަނީ ތަހުގީގު ކުރާ ފަރާތްތަކަށް އޭނާ ހައްޔަރުކުރުމުގެ ބާރު ނުލިބޭ ކަމަށެވެ. އެއީ މާޝަލް ލޯ އިއުލާން ކުރުމަކީ ރައީސްގެ ޤާނޫނީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގާނޫނީ ޓީމުން ބުނެ އެވެ.

ޔޫން ވަނީ ކުރިން މާޝަލް ލޯ އިއުލާން ކުރުމުގެ ނިންމުން ދިފާއު ކުރައްވާ "އެންމެ ފަހަށް ދާންދެން ހަނގުރާމަ ކުރާނެ" ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ ޤާނޫނީ އަދި ސިޔާސީ ޒިންމާތަކުން ފިއްލަވައިގެ ވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔޫން މިހާރު ހުންނެވި ތަނެއް އާންމުކޮށް އެނގިފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް ވަނީ ޤައުމުން ބޭރަށް ވަޑައިގަތުން މަނާ ކޮށްފައެވެ.

14 ޑިސެމްބަރުގައި ޕާލަމެންޓުން ރައީސް ޔޫންގެ އިތުބާރުނެތްކަމަށް ފާސްކުރުމާއެކު، އޭނާ ވަނީ ރައީސްކަމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކުރެވިފަ އެވެ. ނަމަވެސް މަޤާމުން ވަކި ކުރެވޭނީ ޤައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން އިމްޕީޗްމަންޓް ދެމެހެއްޓުމުންނެވެ.

މިހާރު ކޮންސްޓިޓިއުޝަނަލް ކޯޓުގެ 9 މެންބަރުންގެ ބެންޗުގައި ތިބީ 6 ފަނޑިޔާރުންނެވެ. މި ހާލަތުގައި އެންމެ ފަނޑިޔާރަކު އިންކާރު ކުރިކަމުގައި ވިޔަސް ޔޫން މަޤާމުން ވަކި ކުރުމުން ސަލާމަތްވާނެ އެވެ.

އިދިކޮޅު ޕާޓީތަކުގެ މެންބަރުން އުންމީދު ކުރަމުން ދިޔައީ އިތުރު 3 ފަނޑިޔާރުން އައްޔަން ކުރުމުން ޔޫން އިމްޕީޗް ކުރުމުގެ ފުރުޞަތު އިތުރުވާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ ހުށަހެޅުން ބޮޑުވަޒީރު ހާން ޑަކް-ސޫ ވަނީ ފާއިތުވި ހަފުތާގައި ވީޓޯ ކުރައްވާފަ އެވެ.

އެއާއެކު އިދިކޮޅު ޕާޓީތަކުން ވަނީ ޔޫން ސަސްޕެންޑް ކުރެވުމާ ގުޅިގެން ވަގުތީ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހާންގެ ވެސް އިތުބާރުނެތްކަމުގެ ވޯޓު ނަގާފަ އެވެ.

މިހާރު ވަގުތީ ރައީސްގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ މާލީ ވަޒީރު ޗޮއި ސަންގް-މޮކް އެވެ.