އިނގިރޭސި ޕްރިމިއާ ލީގަކީ އިނގިރޭސި ވިލާތުގެ އިތުރުން މުޅި ދުނިޔޭގެ އެތައް މިލިއަން ބަޔަކު ޝައުގުވެރިކަމާއެކު ބަލާ މުބާރާތެކެވެ.

މި މުބާރާތުގެ ފޯރި އިތުރަށް ގަދަވަނީ އެ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ސަޕޯޓުކުރާ މީހުންގެ މެދުގައި އޮންނަ ޖޯޝާއި ފޯރިންނެވެ.

އެފަދަ ޖޯޝާއި ފޯރިއެއް ދާދި ފަހުން މިވަނީ މެންޗެސްޓާ ޔުނައިޓަޑްގެ ސަޕޯޓަރެއް ކަމަށްވާ މޮންގޯލިއާއަށް ނިސްބަތްވާ އޮޗިރްވާނީ (އޮޗިރޯ)ގެ ފަރާތުން ފެނިފަ އެވެ.

އޮޗިރޯ ވަނީ މެންޗެސްޓާ ޔުނައިޓަޑްގެ މެޗެއް ބަލާލުމަށްޓަކައި އޭނާގެ ގައުމު މޮންގޯލިއާއިން އިނގިރޭސި ވިލާތަށް 14000 ކިލޯމީޓަރުގެ ދަތުރެއް ސައިކަލުގައި އޭނާގެ މަންމައާއެކު ކޮށްފަ އެވެ.

އޮޗިރޯ ބުނި ގޮތުގައި އޭނާގެ ކުޑައިރުގެ އުއްމީދަކަށްވީ ފުޓުބޯޅަ ކުޅުންތެރިޔަކަށް ވުން ކަމަށާއި އެހެން ނަމަވެސް އެކަން ހާސިލް ނުވުމުން މެންޗެސްޓާ ޔުނައިޓަޑްއަށް ސަޕޯޓު ކުރަން ފެށީ ކަމަށެވެ.

"އަހަރެންގެ މަންމަ ގޮވައިގެން ތި ޓީމުގެ މެޗެއް ބަލާލަން ދިއުމަކީ އެންމެ ކުޑައިރުގެ ވެސް ހުވަފެނެއް" އޮޗިރޯ މެންޗެސްޓާ ޔުނައިޓަޑަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.

އެ ހުވަފެން ހަގީގަތަކަށް ހަދައި އޮޗިރޯ ވަނީ އޭނާގެ މަންމައާއެކު އިނގިރޭސި ވިލާތުގެ އޯލްޑް ޓްރިފޯޑްގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ މެޗެއް ހަމަލޮލުން ބަލާފަ އެވެ.