ރާއްޖޭގައި ކޮވިޑް ޖެހިގެން އިތުރު މީހަކު ރޭ މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ މަރުވީ 66 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިއީ މިބަލީގައި މަރުވި 66 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ އައިޖީއެމްއެޗްގެ އީއާރަށް ރޭ 8:25 އެ މީހާ ގެންދިޔައިރު ވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި 8:45 ގައި މަރުވެފައިވާ ކަމަށް ކަނޑައެޅި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22،373 އަށް އަރާފަ އެވެ.

މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 19،897އަށް އިތުރުވެފަ އެވެ. މީގެ އިތުރުން މި ބައްޔަށް 2،404 މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދިހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 107 ވެސް އަންނަނީ ފަރުވާ ދެމުންނެވެ.