އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން ކޮވިޑުން ރައްކާތެރިވާން އުފެއްދި ވެކްސިންގައި އޫރުގެ އެއްވެސް މާއްދާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ އިންޑޮނޭޝިއާއިން އެ ވެކްސިނާ މެދު އެފަދަ ތުހުމަތުތަކެއް ކޮށްފައިވާތީ އެވެ.

އިންޑޮނޭޝިއާގެ މުސްލިމް ކައުންސިލެއް ކަމަށް އިންޑޮނޭޝިއާ އުލެމާ ކައުންސިލް އިން މިދިޔަ ހުކުރު ދުވަހު އެ މީހުންގެ ވެބްސައިޓުގައި އެސްޓަރާޒެނެކާ ވެކްސިނަކީ "ހަރާމް" ވެކްސިނެއް ކަމަށް ބުނެފަ އެވެ. މީގެ ސަބަބެއް ކަމަށް ބުނެފައި ވަނީ އެ ވެކްސިންގައި އޫރުގެ ޕެންކްރިއަސް އިން ޓްރިޕްސިން ބޭނުން ކޮށްފައި ވާތީ އެވެ.

ނަމަވެސް އެ ކައުންސިލުން ވަނީ މިޕެންޑަމިކްގެ ހާލަތުގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަދީފަ އެވެ.

"ވެކްސިން ހެދުމުގައި އޫރުގެ އެއްވެސް އެއްޗެއް އަދި އެހެން ޖަނަވާރެއްގެ ވެސް އެއްޗެއް ބޭނުމެއް ނުކުރޭ،" އެސްޓްރާޒެނެކާގެ އިންޑޮނޭޝިއާގެ ސްޕޯކްސްޕާސަން ރިޒްމާން ވިދާޅުވެފައިވެ އެވެ.

މުސްލިމް ކައުންސިލުން އަދި އެ ގައުމުގެ ފުޑް އެން ޑްރަގް އެޖެންސީން މިކަމާ ބެހޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑޮނޭޝިއާގައި ހުކުރު ދުވަހު ވަނީ ޔޫރަޕުގެ ބައެއް ގައުމުތަކުގައި ލޭގަނޑުވުމުގެ ކޭސްތަކުގެ ރިޕޯޓުތައް ރިވިއު ކުރުމަށްފަހު އެސްޓްރާޒެނެކާ ވެކްސިން ޖަހަން ހުއްދަދީފަ އެވެ

އިންޑޮނޭޝިއާގައި މިހާތަނަށް 1،455،788 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. އަދި 39،447 މީހުން މި ބަލީގައި މަރުވެފައިވެ އެވެ. -- ރޮއިޓާސް