ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިނގިރޭސި ޝާހީ އަމީރާ ކޭޓް މިޑްލްޓަންގެ ބަލި "ރެމިޝަން"އަށް ގޮސްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ކޭޓް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ރޯޔަލް މާސްޑެން ހޮސްޕިޓަލަށް ކުރި ޒިއާރަތެއްގައި އޭނާ ބުނީ ދުވަސްތަކަކަށްފަހު ބަލި ރެމިޝަންއަކަށް ގޮސްފައިވާކަން އެނގުމަކީ އޭނާއާއި އޭނާގެ އާއިލާއަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

ކޭޓްގެ ކެންސަރު ރެމިޝަންއަށް ގޮސްފައިވާކަން އިއުލާން ކޮށްފައި މިވަނީ އޭނާ އެ ނުރައްކާތެރި ބައްޔަށް ފަރުވާ ހޯދަމުން އަންނަކަން ހާމަކުރިތާ އަހަރެއް ވެސް ނުވަނީހެވެ.

ކެންސަރު ބަލި ރެމިޝަންއަށް ދިއުމޭ ބުނެވޭ ބަހުގެ މާނައަކީ ފަރުވާއަށްފަހު ބަލި ރަނގަޅުވުމުގެ މަރުހަލާ ފެށުމަށެވެ. މި މަރުހަލާގައި ފަރުވާ ކުރިއަށް ގެންދިއުމާއެކު އިތުރަށް ފަރުވާތެރިވާން ޖެހެ އެވެ.

ކޭޓް އިތުރަށް ބުނީ މިވަގުތު އޭނާ އެންމެ ބޮޑަށް ސަމާލުކަމެއް ދޭ ކަމަކީ ބަލިން މުޅިން ރަނގަޅުވުން ކަމަށާއި އެކަމުގައި އޭނާގެ އާއިލާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

2011 ވަނަ އަހަރު ޝާހީ އާއިލާގެ ވަލީއަހުދު ޕްރިންސް ވިލިއަމްއާ ކައިވެނިކުރި ކޭޓްއަކީ ކެންސަރު ބައްޔަށް ފަރުވާ ކުރަން ފަށަންދެން ޝާހީ ކަންކަމުގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.

އެހެން ނަމަވެސް ފަރުވާ ފެށި ފަހުން އާއްމު ކަންކަމުގައި ކޭޓް ހަރަކާތްތެރިވުން މަދުކޮށްފައިވާއިރު ޝާހީ ޒިންމާތައް ވެސް އަދާ ކުރައްވަނީ ސިއްރިއްޔާތުގަ އެވެ.