އިނގިރޭސި ވިލާތުގެ އެންޓި ކަރަޕްޝަނާ ބެހޭ ޓްރެޝަރީ މިނިސްޓަރު ޓިއުލިޕް ސިއްދީގްއަށް ކުރެވުނީ ކޮރަޕްޝަނާ ބެހޭ ތުހުމަތެކެވެ. އިނގިރޭސިވިލާތާތަކު ވެސް ނޫނެވެ. ބަންގްލަދޭޝްގަ އެވެ. ބަންގްލަދޭޝްއަކީ އޭނާގެ އާއިލީ ގައުމެވެ. އެ ގައުމުގެ ވެރިކަމުން ދުރުކުރެވުނު ބޮޑުވަޒީރު ޝޭޚް ހަސީނާ އަކީ ޓިއުލިޕްގެ ދެބެއިންގެ ދެދަރި ދައްތައެކެވެ.
ޝެއިޚް ހަސީނާގެ ކޮރަޕްޝަން ބެލުމުގެ މަސައްކަތަކީ މިހާރު ބަނގްލަދޭޝްގެ ސަރުކާރަށް އެންމެ މުހިންމު މަސައްކަތެވެ. އެ ތަހުގީގުތަކުގެ ތެރެއިން ހަސީނާގެ ދެބެއިންގެ ދެދަރި ޓީއުލިޕަށް ހަސީނާގެ ފަރާތުން ބައެއް ކަހަލަ ފައިދާތަކެއް ނުހަމަ ގޮތުގައި ލިބިފައި ހުރިކަމުގެ އަޑު އެރީ އެވެ. މައްސަލައެއް ކޯޓަކަށް ވެސް ނުދެ އެވެ. ރަސްމީ ސުވާލެއް ވެސް ނުކުރެ އެވެ. އެކަމަކު އެއަޑުތައް ފެތުރުމާއެކު އިނގިރޭސިވިލާތުގެ ލޭބާ ޕާޓީއަށް އައި ޕްރެޝަރުން ދުރުވުމަށް ޓިއުލިޕް މިހާރު ވަނީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ރާއްޖޭގެ މިހާރުގެ ސަރުކާރު ވެރިކަމަށް އައިތާ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅިން ވެސް އިވެނީ ކޮރަޕްޝަނާ ވައްކަމާ ދޮގު ހެދުމުގެ ވާހަކަ އެވެ. ފްލެޓްތަކުން ވައްކަން ކުރި ވާހަކަ އެވެ. އެކަމާ ބެހޭ ރިޕޯޓެއް ރައީސަށް ފޮނުވި ކަމަށް ބުނުމުން އެ ލިޔުން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް އިތުރުފުޅު ހެއްދެވި ވާހަކަ އެވެ. އެތައް ބިމެއް ވަގަށް ވިއްކާލި ވާހަކަ އެވެ. މި ހުރިހާ ކޮރަޕްޝަނަކާއި ދޮގަކާއި މަކަރުގެ ވާހަކަ ދެކެވެމުން ދަނިކޮށް މިހާރު ފެންމަތިވެގެން އުޅެނީ ކަނަޑައެޅިގެން ދޮގުކުރެވެން ނެތް ވައްކަމެއްގެ ވާހަކަ އެވެ. އާންމު ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން ވެރިކަން ކުރާ ޕާޓީއަށް މީހުން ވެއްދި ވާހަކަ އެވެ. އާންމުންގެ އިތުރުން އެހެން ޕާޓީތަކުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަގަށް ޕީ އެންސީއަށް ވެއްދީ އެވެ. ބޭނުމަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ ބޮޑު ބައެއް ހޯދުމެވެ. ވައްކަމުގެ މައްޗަށް ވައްކަމެވެ.
ރޯމާ ދުވާލު، އެންމެންގެ ކުރިމަތީގައި ޕީއެންސީއަށް ވަގަށް މީހުން ވެއްދިކަން ހާމަވާން އޮތްއިރު ވެސް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެކަމާ އަޅާލާކަށް ބޭނުމެއް ނުވެ އެވެ. އެފަދަ ކަމަކާ ސީރިއަސްވާ ތަނެއް ހަމަގައިމު ވެސް ރައްޔިތުންނަކަށް ނުފެނެ އެވެ. ޕާޓީތަކުގެ ރަޖިސްޓްރީ ބަލަހައްޓަން މަތިކޮށްފައިވާ އިލެކެޝަންސް ކޮމިޝަނުން ވެސް އެޅި ފިޔަވަޅެއް ނެތެވެ. އެފަދަ ކަންތައް ތަހުގީގުކޮށް ވައްކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ފުލުހުންގެ މުއައްސަސާއަކުން ވެސް އެއިން ކަމަކާ އަޅައެއް ނުލަ އެވެ.
ރައްޔިތުންނަށް އޮޅުމެއް ނެތް މިންވަރަށް ޕީއެންސީގެ ވައްކަމުގެ ކަންތައް ތިލަވެ، އެ ވާހަކަ ގަދައަށް ދައްކަން ފެށުމުން އެ ޕާޓީގެ ޕާލަމެންޓްރީ ލީޑަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހުގައި ހަރު އަޑުން ވާހަކަ ދެއްކެވީ އެއީ ނުހިނގާ ކަމެއް ކަމަށް ވިދާޅުވަމުންނެވެ. ހަމަ އެއާއެކު ވަގަށް ޕާޓީއަށް މީހުން ވަނީ އެޕާޓީގެ އިއްޒަތާއި ކަރާމަތާއި ޝަރަފަށް ހުތުރު އެރުވުމަށް ކަމަށް ވިދާޅުވެ އެހެން ޕާޓިތަކުގެ ބޮލުގައި އިލްޒާމު އަޅުވަނީ އެވެ. އެކަމާ ބަހެއް ބުނެ ދެކޮޅެއް ހަދާކަށް ރިޔާސަތުން މެންބަރަކަށް ފުރުސަތެއް ނުދެއްވި އެވެ.
މިފަދަ ހާލަތަށް ދިވެހި ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ވެއްޓުމުން ރާއްޖޭގައި އޮންނާނީ ކޮން އަދުލުވެރިކަމަކާ އިންސާފެއް ހެއްޔެވެ.
އިނގިރޭސި ވިލާތުގެ ޓްރެޝަރީގެ މިނިސްޓަރު ޓިއުލިޕް ޝަރީފަށް ތުހުމަތެއް ކުރެވުމުން އޭނާ އިސްތިއުފާ ދެއްވަން މަޖުބޫރު ވެވަޑައިގެންނެވިއަސް އެފަދަ މައްސަލައެއްގައި ދިވެހި ރާއްޖޭގެ ސިޔާސީ ވެރިން އިސްތިޣުފާ އެއް ނުދެއްވާނެ އެވެ. ކޮންމެވެސް ބަޔަކު މިކަމާ ދެކޮޅު ހަދަން ޖެހެ އެވެ. އަދުލުވެރިކަމާއި އިންސާފު ނެތް ތަނެއްގައި އަމާންކަމާ ހަމަޖެހުމެއް ނޯންނާނެ އެވެ. ދިވެހި ގައުމުގެ މުސްތަގުބަލް ސަލާމަތްވާން އޮތީ މި ނުބައި އަމަލު ހުއްޓުވިގެންނެވެ.
ތިމައްސަލަ ތަހުގީގު ކުރަން މުހައްމަދުރިޔާޒުއާއި ހަވާލުކުރަން ފެނޭ
ރިޕްލައި