އާ އަހަރާއި ދިމާކޮށް މީޑިއާނެޓުގެ ވީޑިއޯކްލަބް ޚިދުމަތް މެދުވެރިކޮށް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލި ދިވެހި ޑްރާމާ ސީރީޒް "ރޯލީމޭ"އަށް ގިނަ ބައެއްގެ ތަޢުރީފު ލިބި ވީޑިއޯކްލަބް ޚިދުމަތް މެދުވެރިކޮށް އެންމެ ގިނަބަޔަކު ބަލަމުންދާ ސީރީޒްއަށްވެ، ވީޑިއޯކްލަބްގެ ޓްރެންޑިން 1ވަނަ އަށް ޖެހިލައިފި އެވެ.
އަސަރުން ފުރިގެންވާ ލޯބި އަދި ރަހުމަތްތެރިކަމުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ސީރީޒްގައި ޖުމްލަ 15 އެޕިސޯޑު ހިމެނޭއިރު މިހާތަނަށްވަނީ ޖުމްލަ 4 އެޕިސޯޑު ރިލީޒްކޮށްފައެވެ. ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު މި ސީރީޒްގެ އާ އެޕިސޯޑެއް ރިލީޒްކުރެ އެވެ.
މީޑިއާނެޓް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ކަމުގައިވާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ އުފެއްދުމެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައިވަނީ އޮކްޓޫބަރު މަހު އޮލިމްޕަސް ސިނަމާގައި އެޅުވި ކާމިޔާބު ފިލްމު "ބިބީ" ލިޔެ އަދި ޑައިރެކްޓްކުރި ޝަހުދާ މަމްދޫހު އެވެ. އަދި ސީރީޒް ޑައިރެކްޓުކޮށްފައިވަނީ ދިވެހި ފިލްމު ދާއިރާގައި މަގްބޫލު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.
މި ސީރީޒްގެ ކާސްޓުންގެ ގޮތުގައި ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގްބޫލު ދިވެހިންގެ ލޯބި ލިބިފައިވާ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޝަރަފް އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުޢައިބު (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ނުހާ އަދި ޝީލާ ނަޖީބު ފާހަގަކޮށްލެވެ އެވެ.
މީޑިއާނެޓުގެ ވީޑިއޯކްލަބުން ވަނީ 2024 ވަނަ އަހަރު ރީތި ސީރީޒްތަކަކާއި ފިލްމުތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. މީގެ ތެރޭގައި "އެރެއަށްފަހު" އަދި "ޝަރުތު" ފަދަ ސީރީޒްތަކާއި "ފުރޭތަ" އަދި "ނީނާ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރި ފިލްމު "ރޮބޯމޭން – ދަ މޫވީ" ވަނީ އޮލިމްޕަސް ސިނަމާގައި ވެސް އަޅުވާ ކުދިބޮޑު ގިނަފަރާތްތަކެއްގެ މަގްބޫލުކަން ހޯދާފަ އެވެ. ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން، އިނގިރޭސި، ހިންދީ އަދި ކާރޓޫން ފިލްމާއި ސީރީޒްގެ ލައިބްރަރީއެއްވަނީ ވީޑިއޯކްލަބް ޚިދުމަތުގައި ހިމަނާފަ އެވެ.
މީޑިއާނެޓުގެ ވީޑިއޯކްލަބް ޚިދުމަތައް 2025 ވަނަ އަހަރު ދިވެހިން ގަޔާވާ ކަމުދާނެ ގިނަ ފިލްމާއި ސީރީޒް ގެނައުމަށް ތައްޔާރުވެފައިވާ ވާހަކަ ބުނެ އެވެ. މި ޚިދުމަތުގައި ހިމެނޭ ކޮންޓެންޓް، ޓީވީ އަދި ފޯނު މެދުވެރިކޮށް ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް ބަލާލެވޭނެ އެވެ. އަދި އެމްއެސް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ޓީވީ އަދި ފޯނު މެދުވެރިކޮށް ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް ބަލާލެވޭނެ އެވެ.