ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ފެނުގެ ރިޒާވް ދަށްވެ ގްރީސްގެ ހޮޓާތަކުގެ ޕޫލްތަކަށް ލޮނު ފެން އަޅަން އެ ގަައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މި ނިންމުން ތަންފީޒްކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކަމާ ގުޅޭ ގާނޫނުތައް ފާސްކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ގާނޫނު ފާސްވުމާއިއެކު ގްރީސްގެ ކޯސްޓްލައިނާ ކައިރި ހޮޓާތަކުގެ ޕޫލްތަކުގެ ޕައިޕްތައް ކަނޑާ ގުޅުވާލަން މަޖުބޫރުވާނެ އެވެ.
ގްރީސްގައި މި ފަދަ ބޮޑު ފިޔަވަޅެއް އަަޅަން ނިންމީ ދެ އަހަރު ވަންދެން ވާރޭ ނުވެހުމުގެ ސަބަބުން ބޯފެން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންނެވެ.
ގްރީސްގެ ބައެއް ރަށްތަކަކީ ޓުއަރިޒަމްއަށް ބަރޯސާވާ ރަށްތަކަށް ވީއިރު މި ފިޔަވަޅުތަކުގެ ސަބަބުން ޓުއަރިޒަމްއަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން މި ފިޔަވަޅުތަކާ މެދު ގްރީސްގެ ތިމާވެށި ރައްކާތެރިކުރާ ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޖަމާއަތްތަކުން ބުނާ ގޮތުގައި ޕޫލްތަކުން އަލުން ކަނޑަށް ބޭރުކުރާ ފެނުގެ ސާފުތާހިރުކަން ކަށަވަރު ނުކުރެވޭނެ ކަމަށް ދަނީ ބުނަމުންނެވެ.