ނ. މާފަރު އެއާޕޯޓަށް މަންޓާ އެއާގެ ދަތުރުތައް ނުފެށި ލަސްވަމުން ދަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ހުއްދަ ނުދީގެން ކަމަށް އެއާލައިނުން ބުނެފި އެވެ.

އެ އެއާޕޯޓް ހިންގަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިންނެވެ.

މަންޓާ އެއާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސާ އަހުމަދު މައުމޫން (މާނު) "ހުރިހާ" އަށް މިއަދު ވިދާޅުވީ އެ އެއާލައިނުން މާފަރަށް ދަތުރުތައް ފަށަން ހުއްދަ ހޯދަން އެދި ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު ކަމަށެވެ. އަދި ހުއްދަ ނުލިބި ލަސްވަމުން ދިޔުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އައިއޭއެސްއިން ދައްކަނީ މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ ބައެއް މަސައްކަތްތައް ކުރަމުން ދާތީ މިވަގުތު ޖާގައިގެ ދަތިކަން އޮތުމެވެ.

"މިކަމަކީ މާބޮޑު ކަމެއް ނޫން. އެތަނަށް ފްލައިޓެއް އޮޕަރޭޓް ނުކުރެވޭ ވަރުގެ މަސައްކަތެއް ކުރަނީއެއް ނޫން،" މައުމޫން ވިދާޅުވި އެވެ.

މާފަރު އެއާޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްތަކެއް. އެތަނަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން. ފޮޓޯ: ބުގޭ ލައިވް

އޭނާ ވިދާޅުވީ މާފަރު އެއާޕޯޓަށް އެކަށީގެންވާ ގޮތުގައި ޝެޑިއުލް ދަތުރުތައް ނުކުރާތީ އެ އެއާޕޯޓަށް ގަވައިދުން ޝެޑިއުލް ދަތުރުތައް ކުރުމަށް އެ އަތޮޅުގެ އާންމުންނާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން އެ އެއާލައިންގައި އެދޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

"އައިއޭއެސް އިން ދައްކާ ބަހަނާ އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ސަބަބަކީ މިހާރު އެ އެއާޕޯޓަށް ޕްރައިވެޓް ޖެޓްތައް އެބަ ޖައްސާ، އޭގެ އިތުރުން މޯލްޑިވިއަނުން ވެސް އެތަނަށް އެބަ ދަތުރުކުރޭ،" މައުމޫން ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އައިއޭއެސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މިހާރު ވެސް މަންޓާ އެއާއިން އަންނަނީ އައިއޭއެސްއިން ހިންގާ ބ. ދަރަވަންދޫ އަދި ރ. އިފުރު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.