ދިވެހި ތާރީޚާ ބެހޭ ވާހަކަ ފެށެނީ ރާއްޖެ އިސްލާމް ދީނަށް އެނބުރުނު ހިސާބުންނެވެ. އޭގެ ކުރިން ހިނގި ކަންތައް ނުވަތަ އޭގެ ކުރީގެ ވާހަކަ ވަނީ ތާރީޚުން ފޮހެވިފަ އެވެ. އިސްލާމް ދީނަށް އެނބުރުނުއިރު ރާއްޖޭގައި ގާއިމްވެފައި އޮތް ރަސްކަމަކާއި ހަޟާރަތެއް އޮތެވެ. މާ ކަނޑަށް ފެތުރިފައި އޮތް ކުދި ޖަޒީރާތަކެއްގެ މައްޗަށް އަމުރު މައުރޫފު ހިންގައި ނިޒާމީ ގޮތުން ހަރުދަނާ ދައުލަތެއް ގާއިމުވާނީ ލައްކަ ދުވަހުން ކަން ޔަގީނެވެ. އެހެންކަމުން ރާއްޖޭގައި މީހުންއުޅެން ފެށިތާ އޭރު އެތައް ސަތޭކަ އަހަރެއް ވެދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް ރާއްޖޭގެ ތާރީޚު އެންމެ ފުރަތަމަ ލިޔުއްވި އަލްގާޒީ ހަސަން ތާޖުއްދީން، ތާރީޚު ލިޔުއްވަން ފެށްޓެވީ ރާއްޖެ އިސްލާމް ދީނަށް އެނބުރުނު ހިސާބުންނެވެ. އޭގެ ކުރި ވަނީ ދޫކޮށްލައްވާފަ އެވެ. ހީވާ ގޮތުން ބުދު ދީނާ ހިންދީ ދީން ދޫކޮށް އިސްލާމްވުމަށް ފަހު އެ ދެ ދީނުގެ ވާހަކަ ފޮތްތަކުން ވެސް ފޮހެލީ އެވެ.
ތާރީޚީ ވާހަކަ ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއްވާހަކައަކީ ބޮޑު ތަކުރުފާނު ވާހަކަ އެވެ. އެ ވާހަކަ ލިއުއްވީ ރާއްޖޭގެ މަޝްހޫރު އަދީބެއް ކަމަށްވާ ޝޭޚު ހުސެއިން ސަލާހުއްދީނެވެ. އެމަނިކުފާނު އެވާހަކަ ލިއުއްވީ ތުންތުން މަތީން ކިޔަމުން އައި ވާހަކަތަކާއި ތާރީޚީ ބައެއް މައުލޫމާތުތަކުގެ މައްޗަށް ބުރަވެ ވަޑައިގެންނެވެ. ވާހަކަ ފަށްޓަވަމުން ސަލާހުއްދީން ވިދާޅުވެފައިވާ ގޮތުގައި ދޫދޫ މަތިން ކިޔެމުން އަންނަ ވާހަކާގައި ބޮޑުތަކުރުފާނު ފަދަ ޝަޚުސިއްޔަތެއްގެ ކިބައިގައި ހުންނަން އެކަށީގެން ނުވާފަދަ ބައެއް ވާހަކަތައް ހުރިކަމުގައި ދެކެވަޑައިގަންނަވާތީ އެ ވާހަކަތަކަށް އެމަނިކުފާނު އުނިއިތުރު ގެންނެވި އެވެ. މިސާލެއްގެ ގޮތުން މުހައްމަދު ތަކުރުފާނު ރާއްޖެއިން ފުރާވަޑައިގެންނެވި ގޮތުގެ ވާހަކަ ގެންނަވާފައިވެ އެވެ. ރާއްޖެއައި ބޭރުގެ އޮޑިއަކުން ފިއްލަވައިގެން ވަޑައިގެންނެވި ކަމަށް އޮންނަ ވާހަކަ ސަލާހުއްދީން ބަދަލު ކުރެއްވި އެވެ. އެއީ ތާރީޚު އޮފްކޮށް ރީތިކޮށްލުމެވެ. އެއަށް ކިޔަން ޖެހޭ އަނެއް ނަމަކީ ތާރީޚު އޮޅުވާލުމެވެ.
ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ހައިޖާނު ކަމުގައިވާ ބޮޑު ހުޅަކީ ވެރިކަމުގެ ބޭނުމުގައި ބަޔަކު ހިންގި ނުބައި އަމަލެކެވެ. އެ ހަރަކާތަށް ފެށުމުގެ ގޮތުން ވަޅުލާފައި އޮތް ގަބުރެއް ނަގައިގެން އެ ގަބުރުގެ މޭގަނޑުން ތެޔޮ ހާނައި އެ ތެޔޮ އަޅައިގެން މޮޑުނު ފުށްގަނޑެއް ކެއުން ފަދަ ނުބައި ކަންތައްގަނޑެއް ހިންގި އެވެ. އެކަންތައްގަނޑުގެ ތެރޭގައި މަންޒަރު ދުށް އަންހެނަކު މަރާލައި ވަޅުގަނޑެއް ކޮނެ ވަޅު ވެސް ލި އެވެ. މި ހާދިސާގެ ތެރެއިން އުފަންވި ގަޑުބަޑުގެ ނަތީޖާއަކީ ދިވެހިރާއްޖެ އިނގިރޭސި ވިލާތުގެ އަޅުވެތިކަމުގެ ދަށަށް ދިއުމެވެ. އެ ހުރިހާ ކަމެއްގެ އަޑީގައި ހުންނަވައި އަމަލީ ގޮތުން މަސައްކަތްކުރައްވައި ރާއްޖެ އަޅުވެތި ކުރެއްވުމުގެ މޭސްތިރިއަކަށް ހުންނެވީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެހެން ނަމެވެސް އެމަނިކުފާނުގެ ކާފަ ދަރިކަލުން ކަމަށްވާ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ވަނީ އެހުރިހާ ކަމަކީ ނުހިނގާ ކަންތައް ކަމަށް ދޭހަވާ ގޮތަށް އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ބަޔަކު ނުހައްގުން އަނިޔާކޮށް އަރުވާލީ ކަމަށް ލިއުއްވާފަ އެވެ.
ރާއްޖެއަށް މިނިވަން ކަން ހޯއްދަވައި ދެއްވީ ކޮން ބޭފުޅެއްކަން އެއްވެސް މީހަކަށް އޮޅޭނެހެނެއް ހިޔެއް ނުވެ އެވެ. އެހެން ނަމަވެސް 80ގެ އަހަރުތަކުން ފެށިގެން 2004 އާ ހިސާބަށް އެއީ ފާޅުގައި ދައްކަން ކެރޭ ވަރުގެ ކަމެއް ވާހަކައެއް ނޫނެވެ. ރާއްޖޭގެ ވެރިކަމުގައި މައުމޫން އަބްދުލް ގައްޔޫމު 5 އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިން ތޮށިގަނޑު ފަޅާލާފައި ނިކުންނަން ވެއްޖެއޭ ވިދާޅުވެ ނޫސްވެރިންނަކީ މިނިވަން ބައެކޭ ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ނޫސްވެރިކަމަށް ކުރިމަތިލި އެވެ.
އާ ނޫސްތައް އުފައްދައި ސަރުކާރުގެ އިސް ފަރާތްތަކާ ސުވާލުކުރަން ފެށި އެވެ. އޭގެތެރެއިން ސުވާލެއް އޭރުގެ އެންމެ ބާރު ގަދައެއް މިނިސްޓަރު ކަމަށްވާ އަބްދުﷲ ހަމީދާ ކުރުވުނެވެ. ނޫސްވެރިޔާ ސުވާލުކުރެއްވީ ދިވެހި ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވީ ކޮން ބޭފުޅެއްތޯ އެވެ. އެ މަނިކުފާނުގެ ޖަވާބު އައީ ނުސީދާކޮށެވެ. ވިދާޅުވި އެވެ. އެހެން ބައެއް ގައުމުތަކަށް މިނިވަންކަން ލިބުމުގައި ކަންހިނގާ ގޮތަށް ރާއްޖެއަށް މިނިވަންކަން ހޯދަން ހަނގުރާމައެއް ކޮށް، ލޭ އޮހޮރުވާކަށް ނުޖެހެ އެވެ. ރާއްޖެއަށް މިނިވަން ކަން ލިބުނީ މުހައްމަދު ފަރީދުގެ ރަސްކަމުގަ އެވެ. ނޫސްވެރިޔާ އެތައް މަސައްކަތެއް ކޮށްގެން ވެސް ނާސިރުގެ ނަންފުޅު ހަމީދުގެ ދޫފުޅުން ބޭރު ވާގޮތެއް ނުވި އެވެ. މައުމޫނުގެ ވެރިކަމުގެ 30 އަހަރު ދިޔައީ އޭގެ ކުރީގެ 15 އަހަރުގެ ތާރީޚު ފޮހެލުމުގަ އެވެ.
ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުނީ ބަރުބަރީގެ ފާނުކަމާ މެދު ވެސް ދިވެހިންނަކަށް އެއްވެސް ޝައްކެއް ނެތެވެ. ފެށުނީއްސުރެ އެވާހަކަ އެގޮތަސް ދައްކައި ޖީލުތަކަކަށް ދެމިގެން އަ އެވެ. ދާދި ފަހަކާ ޖެހެންދެނެވެ. ރާއްޖެއަށް ޒިޔާރަތް ކުރެއްވި ބަރުބަރީ ބޭކަލަކަށް ހުކުރު މިސްކިތުގައި ހުރި ފިލަޔަކުން ބަރުބަރީ ފެނުނު ކަމުގައި ރަށަށް ގޮސް އޭނާގެ ރަށު މީހުން ކައިރީ ބުނި ވާހަކަ ލިޔެފައި އޮތް ފޮތެއް ދިވެހިންނަށް ފެންނަން ދެނެވެ. ހުކުރު މިސްކިތް ބިނާކުރި ބަޔަކާއި އެފިލާ ލިޔުނު މީހުންގެ ފަރާތުން ވެސް ވާރިދުވެގެން އައިސްފައިވާ ތަބްރޭޒުގެ ފާނުގެ ވާހަކަ އޮތް ގޮތަށް ބާއްވާފައި ރާއްޖެ އިސްލާމް ކުރެއްވީ ބަރުބަރީ ކަމުގައި ހަމަޖައްސަން އެކަން ކުރި ބަޔަކަށް މާގިނަ ވަގުތެއް ނުނެގި އެވެ.
އޮޅުވާލުމެވެ. ދިވެހި ތާރީޚު އޮޅުވާލަން މަސައްކަތް ކުރާ މީހުން އަދިވެސް އެގެންދަނީ އެކަން ކުރަމުންނެވެ. ހައްލު ކުރަން ޖެހޭ ބޮޑު މައްސަލައެކެވެ. ތާރީޚު އޮޅުވާނުލާށެވެ އެއީ އަމާނަތެކެވެ.