މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ހެއްވާ މަޖާ ފިލްމްތަކާއި ޑްރާމާ ކުޅޭ މުހައްމަދު އަބްދުﷲ (މުހައްމާ ކަލޯ) އައްޔަންކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ މުހައްމާ ކަލޯގެ އިތުރުން އެ ކޮމިޝަނުގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތާއި ދެ ބޭފުޅުން މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް މަތީ ތައުލީމާގައި ތަޖުރިބާ ލިބިފައިވާ އެތައް ބަޔަކު ކުރިމަތިލުމުން އެ މީހުންގެ ނަން ކަޓުވާލައި، އެއްވެސް ތައުލީމެއް ލިބިފައި ނެތް މުހައްމާ ކަލޯ އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އެންގުމުން އެތައް ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެ ދެބޭފުޅުން އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި ދެ ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ މެމްބަރުކަމަށް ސަރާހަތު އައްޔަންކުރަން ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. މުހައްމާ ކަލޯގެ ނަން ކޮމިޓީ މަރުހަލާގައި ފާސްނުވާކަމަށް ނިންމި ނަމަވެސް ފަހުން ވަނީ ތަޅުމަށް ގެނެސް 58 މެންބަރުން ވޯޓު ދީގެން ފާސްކޮށްފަ އެވެ.

ބްރޯޑްކޮމްގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ. ބްރޯޑްކޮމްގެ ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 12 މީހަކު އެމަގާމަށް ކުރިމަތިލި އެވެ.