ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކަސްޓަމަރުން މުދަލާއި ހިދުމަތް ހޯދަ އެވެ. މިގޮތުން ކުރާ މުއާމަލާތްތަކުގެ އަދަދު މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ކުރެވެ އެވެ.

ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި ޚިދުމަތްތަކަށް ފައިސާދެއްކުމަށްޓަކައި ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރެވޭ މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މީގެތެރެއިން ވެސް އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މި މިންވަރު މިހާރުވަނީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފައެވެ. ބޭރު ފައިސާއަށް އޮތް މި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބޭންކުން ފޯރުކޮށްދޭ އެހެނިހެން ޒަރޫރީ ހިދުމަތްތަކުގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މީގެ ސަބަބުން މި ޚިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވެ، ކަސްޓަމަރުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފަ އެވެ.

ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ބޭރުގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކުގައި ރުފިޔާ ކާޑުން ދުވާލަކަށް ބޭނުންކުރެވޭނެ ލިމިޓްތަކެއް ބީއެމްއެލް އިން މިވަނީ ކަނޑައަޅާފަ އެވެ. ދެމެހެއްޓެނިވި ގޮތެއްގައި އަދި ދޭތެރެ ދޭތެރެއިން މުރާޖައާ ކުރެވޭ ގޮތަށް ކަނޑައެޅިފައިވާ މި ލިމިޓްތަކަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

އީ-ކޮމާސް މުއާމަލާތްތަކަށް ކަނޑައެޅިފައިވާ ޖުމްލަ އަދަދު

ބީއެމްއެލްގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި، ކޮންމެ މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް ބޭންކުން މިވަނީ އަދަދެއް ކަނޑައަޅާފަ އެވެ. މިގޮތަށް ކަނޑައަޅާފައިވާ މަހުގެ ޖުމްލަ އަދަދުގެ ތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ޚިދުމަތްތަކުގެ މުހިންމުކަމަށް ރިއާޔަތްކޮށް، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް ބޭންކުން މިވަނީ ކަނޑައަޅާފައެވެ. އެ ލިމިޓްތަކުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.

ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވިދާނެއެވެ. ނުވަތަ ޑޮލަރު ކާޑެއް އޮތްނަމަ އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ފުރިހަމަކުރެވޭނެ އެވެ. ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެ އެވެ.

1. އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން އާންމުކުރާނެއެވެ. މި ލިސްޓުގައި ތައުލީމީ، ސިއްހީ، ދަތުރުފަތުރާއި ހޮޓެލް ބުކިން، އަދި އެހެނިހެން ޒަރޫރީ ޚިދުމަތްތައް ނުހިމެނޭނެއެވެ. މި ކެޓެގަރީގައި ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ހިމެނެއެވެ. މިފަދަ ވިޔަފާރިތަކަށް މަހަކު ޖުމްލަ ތިން މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެ އެވެ.

2. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް

ކަސްޓަމަރުން މިހާރު ބޭނުންކުރާ މިންވަރަށް ބަލައި، މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަކި މިންވަރެއް ވަނީ ކަނޑައަޅާފަ އެވެ. މި ކެޓެގަރީއަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު) ކަނޑައެޅިފައިވެ އެވެ.

3. ދަތުރުފަތުރާއި ހޮޓެލް ބުކިން

އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައެޅިފައިވެ އެވެ. އެހެން މީހުންނަށް ދަތުރުފަތުރުގެ ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން، ބޭރު ފައިސާ ބޭރަށްދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން މި ކެޓެގަރީގެ ވިޔަފާރިތަކަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ. މި ފިޔަވަޅަކީ ކަސްޓަމަރުންގެ އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

4. ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން މުހިންމު ހިދުމަތްތައް

ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުހިންމު ދާއިރާތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. ބޭންކުން މި ދާއިރާގެ މުއާމަލާތްތައް ބަލަމުންދާނެއެވެ. އަދި ބޭނުންވާ ހާލަތްތަކުގައި ބަދަލުތައް ގެންނާނެ އެވެ.

5. އެހެނިހެން ހުރިހާ ވިޔަފާރިތަކެއް

މަތީގައި ބަޔާންކުރެވިފައި ނުވާ ބޭރުގެ އެހެނިހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ކަނޑައެޅިފައިވެ އެވެ.

މިގޮތަށް ލިމިޓް ކަނޑައެޅުމުގެ ބޭނުމަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ބޭރު ފައިސާގެ ހަރަދުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށް ދިނުމަށް އިސްކަން ދިނުމެވެ. ބީއެމްއެލް އިން މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކާއި، އަދި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނާނެ އެވެ.

6. ސިއްހަތާއި ތައުލީމު

ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުޢާމަލާތްތަކަށް އެއްވެސް މާރޗަންޓް ލެވެލްއެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައެޅިފައެއްނުވެ އެވެ. މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ޖުމްލަ އަދަދުގެ ތެރެއިންނެވެ. އަދި މި ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، މަތީގައި ބަޔާންކޮށްފައިވާ ކެޓެގަރީތަކާ ވަކިން ހާއްސަ ބަފަރއެއް (އިތުރު މިންވަރެއް) ބޭންކުން ދަމަހައްޓާނެއެވެ. މި ކެޓަގަރީގެ ދަށުން ކުރެވޭ މުއާމަލާތްތައް ބޭންކުން ގާތުން މޮނިޓާ ކުރަމުންދާނެ އެވެ. އަދި ހާލަތަށް ރިޢާޔަތްކޮށް، ކަނޑައެޅިފައިވާ އަދަދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާނެ އެވެ.