ދުޅަހެޔޮ ސިއްހަތަކަށްޓަކައި ހަރަކާތްތެރިވެ އުޅުމަކީ މުހިއްމު ކަމަކަށްވާއިރު ހިނގަން ދިއުމަކީ ގިނަ މީހުން އެކަމަށް ބޭނުންކުރާ އުކުޅެވެ. އެގޮތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގަޑިއިރެއްހާއިރު ހިނގުމުގައި ހޭދަކުރާ މީހުން އުޅެ އެވެ.

އެހެން ނަމަވެސް ދުޅަހެޔޮ ސިއްހަތަކަށް އެހާ ގިނައިރު ހިނގުމަކީ ބޭނުން ކަމެއް ނޫންކަމަށް ސައިންސްވެރިން މިވަނީ ބުނެފަ އެވެ. އެގޮތުން ދުވާލަކު އެންމެ ފަސް މިނެޓު ހިނގާލުމުން ވެސް ތަފާތު ފެންނާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން އެނގުނު ގޮތުގައި 11 މިނެޓުގެ ހިނގުމާއި ކަސްރަތުން ކެންސަރަށް އޮތް ފުރުސަތު ހަނިވެ ހިތުގެ ބަލިތަކުން ދުރުވެ އާއްމު ސިއްހަތު ރަނގަޅުވެ އެވެ.

އެހެން ނަމަވެސް އެވަރު ވެސް އުނދަގޫވާނަމަ ދުވާލަކު އެންމެ ފަސް މިނެޓު ހަރަކާތްތެރިވެ އުޅުމަކީ ވެސް އޭގެ ސަބަބުން ބޮޑު ބަދަލެއް ފެންނާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

އެގޮތުން އާއްމު ސްޕީޑްގައި އެންމެ މަދުވެގެން ދުވާލަކު ފަސް މިނެޓު ހިނގާ މީހުންގެ އާއްމު ސިއްހީ ހާލަތު އެނޫން މީހުންނަށް ވުރެ ރަނގަޅުވާނެ ކަމަށް ބުނެވެ އެވެ.

އޭގެ ތެރޭގައި ލޭގެ ޕްރެޝަރާއި ހަކުރު ބަލި ފަދަ ދާއިމީ ބަލިތަކަށް ހުށައެޅުމަށް އޮތް ފުރުސަތު ކުޑަވުން ހިމެނޭ ކަމަށް ސައިންސްވެރިން ފާހަގަކުރެ އެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު ވެސް އެންމެ މަދުވެގެން ފަސް ވަރަކަށް މިނެޓު ފައިމަގުގައި އުޅުމަކީ ދިގު މުއްދަތުގައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެ ކަމެއްކަން ސައިންސުން ވަނީ ސާބިތުވެފަ އެވެ.