ރާއްޖެއިން އިންޑިއާގެ މުމްބާއީއަށް ދަތުރުކުރި ފަސިންޖަރަކު, 1.7 މިލިއަން ރުފިޔާގެ ރަން އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ އެއާ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) އިން އެ މީހާ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރާއްޖެއިން އިންޑިއާގެ މުމްބާއީއަށް ރަން އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 24 އަހަރުގެ އިނާމުލް ހަސަން އެވެ. އޭނާ އަކީ އިންޑިއާގެ ކަރުނާޓަކާއަށް ނިސްބަތްވާ މީހެއްކަމަށް ބުނެފައިވެ އެވެ.
އިންޑިއާގެ ކަސްޓަމުގެ އޮފިޝަލުންނާ ހަވާލާދީ ދަ ޕްރެސް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނާމުލް ހަސަން 1.7 މިލިއަން ރުފިޔާގެ ރަން އެތެރެކުރަން އުޅުނީ މަތިންދާ ބޯޓުގެ ފާހާނާގައި ފޮރުވައިގެން ކަމަށެވެ. އަދި އޭނާ ރަން އެތެރެކުރަން މަސައްކަތް ކުރީ އެއާޕޯޓުގެ މުވައްޒަފުންނާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތާ ގުޅިގެން ބޯޓު ބަލައި ފާސްކުރިއިރު، ފާހާނާ ތެރެއިން ރަން އަޅާފައި ހުރި 13 ޕައުޗު ފެނިފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
އަދި ކަސްޓަމްސް އޮފިލަުންނާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މި މައްސަލައިގެ ތަހުގީގުގައި ހަސަން ވަނީ އެ ކުށަށް އިއުތިރާފުވެ، ބޯޓުގެ ފާހާނާގައި ރަން ފޮނުވި ކަމަށް އެއްބަސްވެފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުންދާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ކަސްޓަމުގެ އޮފިޝަލުން އިތުރަށް ބުނީ އެ ރަން އޭނާ އެތެރެކުރީ މީހަކު ބުނެގެން ފައިސާގެ ބޭނުމަށް ކަމަށެވެ. މިގޮތުން އެކަމުގައި ޝާމިލުވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބުންޏެވެ.
އިންޑިއާގެ ރެވެނިއު އިންޓެލިޖެންސްއިން ދާދި ފަހުން ފަސިންޖަރުންތަކެއް މަތިންދާ ބޯޓުގެ ޑަސްބިނުގައި ރަން ފޮރުވައިގެން އެތެރެކުރަން އުޅެގެން ވަނީ އަތުލައިގަނެފަ އެވެ.
މީގެކުރިން އިންޑިއާއިން ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު މީހުން އަތުލައިގަނެ، މައްސަލަ ތަހުގީގުކޮށް ދައުވާ ވެސް އުފުލާފައިވެ އެވެ.