ބޯހިޔާވަހިކަމުގެ އެންމެ ބޮޑެތި މަޝްރޫއު ހިންގުމަށް ކ. ފުށިދިއްގަރުފަޅު ހިއްކުމަށް އެއްވެސް ލޯނެއް ނުނަގާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހުށަހެޅި އާރްޓީއައިއަކަށް ދިން ޖަވާބުގައި އެޗްޑީސީން ބުނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް އެ ކުންފުނިން އެއްވެސް ލޯނެއް ނަގާފައެއް ނުވާ ކަމަށެވެ.

ފުށިދިއްގަރުފަޅަކީ މާލެ ސަރަހައްދުގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ. އެތަނަށް ދީފައިވާ ނަމަކީ ރަސްމާލެ އެވެ.

ރަސްމާލެގެ ހިއްކަން ފުރަތަމަ ހަވާލުކުރީ ކެޕިޓެލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. އެއީ އެ ކުންފުންޏަށް ހުޅުމާލެއިން ބޮޑު ބިމެއް ދޭގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެކަން ނުވެގެން އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.

އެއްބަސްވުން އުވާލިނަމަވެސް 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ގެ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، އެ މައްސަލައިގައި އާބިޓްރޭޝަނަށް ނުދާން ސީއެމްސީއިން އެއްބަސްވެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. ސަރުކާރުން އެކަމަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު އެ ކުންފުނިން ބުނީ އެއީ ދޮގެއް ކަމަށެވެ.

އެޗްޑީސީން "ހުރިހާ" އަށް ދިން ޖަވާބުގައި ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން ސައިޓް D,F,G,L ގެ ޖުމްލަ 378 ހެކްޓަރުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޑެޑާ ކަމަށެވެ. އަދި ސައިޓް A,B,H,I,K ގެ ޖުމްލަ 352 ހެކްޓަރުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ސީއާރުސީސީ ހާބާ އެންޑް ޗެނަލް އިންޖިނިއަރިން ބިއުރޯ ގްރޫޕާ އެވެ. އަދި ސައިޓް J ގެ 29 ހެކްޓަރުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ (ސީއެމްސީ)އާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސައިޓް J ގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ސައިޓް D,F,G,L ގެ ނިމިފައި ވަނީ ނުވަ ޕަސެންޓް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ސައިޓް A,B,H,I,K ގެ މޮބިލައިޒޭޝަން/ކޮރަލް ރިލޮކޭޝަން މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރަސްމާލެ ހިއްކަމުންދާއިރު، މާލެއާ ބުރިޖަކުން ގުޅޭލެވޭ ގުޅިފަޅާއި ގިރާވަރުފަޅުގެ ބިންހިއްކުން ވަނީ ހުއްޓިފަ އެވެ. އަދި ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުން ވެސް ކުރިއަކަށް ނުދެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލެއިން ރަސްމާލެއަށް ދާނީ އަންޑާވޯޓާ ޓަނަލްއަކުން ކަމަށެވެ. ނަމަވެސް އެއީ ހިޔާލެއް ކަމަށާއި އެކަން ކުރެވެން އަދި ނެތްކަމަށް ދޭހަވާގޮތަކަށް ހައުސިން މިނިސްޓަރު ވަނީ ވާހަކަދައްކަވާފަ އެވެ.