މިދިޔަ ހަފުތާގައި ރާއްޖެއިން ހިމަބިއްސަށް 12 މީހަކު ފައްސިވެ، މިއަހަރުގެ މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 264 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިހި ފެތުރެން ފެށިއިރު ކޮންމެ ހަފުތާއަކު ގިނަ އަދަދެއްގެ ކޭސްތައް ފެނުނު ނަމަވެސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ކުރިއަށްވުރެ މަދުވާން ވަނީ ފަށައިފަ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ހިމަބިހިން ރައްކާތެރިވުމަށް ދެވޭ އެމްއާރު ވެކްސިން މިހާތަނަށް 16،320 މީހުންނަށް ވަނީ ދީފަ އެވެ.

ގައިންގަޔަށް ފަސޭހައިން އަރާ މި ބަލިން ރައްކާތެރިވުމަށްޓަކައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން ކަނޑައެޅިފައިވާ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވި ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލާއި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގެ އިތުރުން މާލެއާއި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

"މީސްލްސް ވައިރަސް"ގެ ސަބަބުން ޖެހޭ މި ބަލީގެ އަލާމާތެއް ކަމަށްވާ ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް ސިއްހީ މާހިރުން އިލްތިމާސްކުރައްވަ އެވެ.