ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހެޔޮ ނަސޭހަތާއި ޒިކުރުތައް ހިމެނޭ ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ސަރުކާރުން ނިންމައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއެއް ކަމަށެވެ. އެގޮތުން، މި މަޝްރޫއުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ރަސްމީކޮށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ރަށްރަށުގެ އާންމު އެކި ސަރަހައްދުތަކުގައި އިސްލާމީ ރިވެތި އަހުލާގާއި، ހެޔޮ ނަސޭހަތް އަދި ﷲ މަތިން ހަނދުމަކޮށްދޭ ޒިކުރުތައް ލިޔެފައިވާ ބޯޑުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފަދަ މަޝްރޫއެއް ފެށުމުގެ މައިގަނޑު މަގުސަދަކީ މަގުމަތިން ހިނގާފައި އަދި އުޅަނދުފަހަރުގައި ދަތުރުކުރާ އާންމު ރައްޔިތުންނަށް ފަސޭހައިން ފެންނާނެހެން ހެޔޮ މެސެޖުތައް ފޯރުކޮށްދިނުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ދީނީ ގޮތުން އެކަކު އަނެކަކަށް ހެޔޮކަންކަން ހަނދާންކޮށްދިނުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް ކަމަށާއި، އޭގެ ސަބަބުން މީހުންގެ ހިތްތަކުގައި ރަނގަޅު ކަންކަން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، މި މުހިންމު މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ދީލަތި އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.