ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ބްލޭކް ލައިވްލީއާއި ޖަސްޓިން ބެލްޑޯނީއާ ދެމެދު ގާނޫނީ ހަނގުރާމައެއް ހިނގަމުން އަންނަ މި ދަނޑިވަޅުގައި ބްލޭކްއާއި އޭނާގެ ގާތް ރަހުމަތްތެރިޔާ ޓޭލާ ސްވިފްޓްގެ ގުޅުން ހީނަރުވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ބްލޭކްގެ ކޯޓު ޑްރާމާގެ ތެރެއަށް ޓޭލާގެ ނަން ވަދެފައިވާތީ މި ދުވަސްވަރު ޓޭލާ އުޅެނީ ބްލޭކްއާ ވަރަށް ދުރު ދުރުންނެވެ.

ޖަސްޓިން ބްލޭކްއާ ދެކޮޅަށް ހުށައަޅާފައިވާ ކޯޓު މައްސަލާގައި ބުނެފައިވަނީ ޓޭލާ ބޭނުންކޮށްގެން އޭނާއަށް ނުފޫޒު ފޯރުވަން ބްލޭކް މަސައްކަތް ކުރި ކަމަށެވެ.

އޭގެ އިތުރުން ވެސް ބްލޭކްއާއި ޖަސްޓިންއާ ދެމެދު ބަދަލު ކުރެވުނު މެސެޖުތަކެއްގައި ބްލޭކްގެ އަތުގައި ހަތިޔާރުތަކެއް ހުރި ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކާފައިވާއިރު ހަތިޔާރުގެ ގޮތުގައި އޭނާ އިޝާރާތް އެ ކުރަނީ ޓޭލާއަށް ކަމަށް ބެލެވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބްލޭކްއާއި ޖަސްޓިންގެ މައްސަލައިގެ ތެރެއަށް ޓޭލާ ވަންނަން ބޭނުންނުވާތީ މި ދުވަސްކޮޅު އޭނާ ވަނީ ބްލޭކްއާ އޮތް ގުޅުން ކުޑަ ކޮށްފަ އެވެ.

ޖަސްޓިންއާއި ބްލޭކްގެ ކޯޅުން ފުރަތަމަ ފެށިގެން އައިރު ޓޭލާ ބްލޭކްއަށް ސަޕޯޓުކުރި ނަމަވެސް އެންމެ ފަހުން އެ ދެމީހުން އެކުގައި ފެނިފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ.