މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ހިތްހަމަޖަައްސާލަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީކުރި ރަސްފަންނުގެ ގިނަ ތަންތަން މާރާމާތުނުކޮށް ދޫކޮށްލާފައި އޮތުމުން ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެއްޖެ އެވެ.
ކުރިން މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ރަސްފަންނު ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ މިހާރު ހަވާލު ކުރެވިފައި އޮތީ އެމްޓީސީސީއަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.
މިދިޔަ ހަފުތާގައި "ހުރިހާ"ގެ ނޫސްވެރިއަކު އެ ސަރަހައްދަށް ގޮސް ބެލިއިރު އެތަނުގައި ހުރި ގިނަ ހަޓުތަކާއި ޖޯލިތަކާއި ފެންވަރާތަނާއި ބާބެކިއު ހަދާ ގްރިލްތައް ވެސް ވަނީ ހަލާކުވެ ދަބަރަށްވެފަ އެވެ.
އެތަނުގައި ހުރި މީހަކު ބުނީ ހަމައެކަނި ރަސްފަންނަށް ބަލާލިޔަސް ސަރުކާރާއި ސިޓީ ކައުންސިލުގެ ދޯދިޔާކަން ފެނިގެންދާ ކަމަށެވެ.
"މިއީ ގައިމު އާއްމު ރައްޔިތުން ބަލަހައްޓާ ތަނެއް ނޫން. މިއީ ސަރުކާރު ނުވަތަ ސިޓީ ކައުންސިލުން މަރާމާތުކޮށް ބަލަހައްޓަން ޖެހޭ ތަނެއް. މިހާރު މިތަން މިވަނީ ވީރާނާ ވާން ދޫކޮށްލާފައި. މިތަން ބެލެހެއްޓުމުގެ ޒިންމާ ނަގާ އެއްވެސް ބައެއް ނެތް،" އެ މީހާ ބުންޏެވެ. "އާއްމުންނާ ގުޅިފައިވާ މިފަދަ ކަންކަމުގައި އިހުމާލުވުން އޮތް މިންވަރު މިތަނުން އެކަނި ފެނިގެންދޭ."
ސިޓީ ކައުންސިލްގެ މީޑިއާ ކޮންސަލްޓެންޓް އަލީ ހާލިދު މިއަދު ވިދާޅުވީ ރަސްފަންނު ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލު ކުރެވިފައި އޮތީ އެމްޓީސީސީއާ ކަމަށެވެ.
"ރަސް ފަންނުގައި ހުންނަ ވިޔަފާރި ހަޓްތައް ހުންނަނީ އެތަން ބެލެހެއްޓުމުގެ ޒިންމާމަތިކޮށް އެފަރާތާއި ހަވާލު ކުރެވިފައި، އެތަން ކުއްޔަށް ދީގެން ލިބެފައިސާ ވަންނަނީ އެމްޓީސީސި އަދި ހަމަ މިގްތަށް އެހެން ކުންފުންޏަކާވެސް މިފަދަ އެގްރީމަންޓެއް އޮވޭ،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ރަސްފަންނުގައި ހިންގާ ޕޮމެލޯ ރެސްޓޯރެންޓު ހިމެނޭ ގޮތަށް ޝަވަރުތައް މަރާމާތުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާ އެވެ. މިކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ބަހެއް ވެސް ނުލިބެ އެވެ.