ސުޝާންތު ސިންގު ރާޖްޕުޓްގެ މަރަކީ އިންޑިޔާގެ މުޅި މުނުފޫހިފިލުވުމުގެ ދާއިރާ "ހިލުވާލި" މަރެކެވެ.

އެކަމުން އަރައިގަނެވިފައި އަދިވެސް ދާއިރާގެ އެތައް ބަޔަކު އެބަތިއްބެވެ. އޭގެ ތެރެއިންވެސް އެންމެ އަސަރުކުރި މީހުންގެ ތެރޭގައި ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ހިމެނެ އެވެ.

އަންކިތާގެ އެކްޓިން ކެރިއަރު ފެށުނީ ސުޝާންތާ އެކު ލީޑުން ފެނިގެން ދިޔަ ޓީވީ ޑްރާމާ ޕަވިތްރަ ރިޝްތާއިންނެވެ. އަންކިތާ އާ ގާތް ފަރާތްތަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސުޝާންތްގެ މަރަށް ފަހު އަންކިތާ ހަމައަކަށް އެޅުނީ ވެސް އެތައް ދުވަހެއް ފަހުންނެވެ.

ޕަވިތްރަ ރިޝްތާ ޑްރާމާއިން ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެމީހުންގެ ގުޅުން ނިމުމަކަަށް އައީ 2016-2017 ވަނަ އަހަރާ ދެމެދު އެވެ.

ދާދިފަހުން އޮންލައިން ޕޯޓަލްއަކަށް އަންކިތާ ދިން އިންޓަވިއުގައި ވަނީ އެ ބްރޭކްއަޕް އާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

އަންކިތާ ބުނީ ބްރޭކްއަޕްގެ ޒިންމާ ސުޝާންތުގެ ބޮލުގައި ނާޅުވާ ކަމަށާއި އެހެން ނަމަވެސް ހަގީގަތް ނުބަލާ ސުޝާންތާ ރުޅިވީ އަންކިތާ ކަމަށް ބުނެ މީޑިއާތަކުން ހަބަރު ފެތުރި ކަމަށެވެ.

"މިއަދު މީހުން އައިސް އެބަބުނޭ އަހަންނޭ ސުޝާންތު ދޫކޮށްލީ. އަހަރެންގެ ސުވާލަކީ އެމީހުންނަށް ކިހިނެތް ހޭ އެކަން އެނގެނީ؟ އަހަރެންގެ ވާހަކަ އެނގެނީ މަދު ބަޔަކަށް. މިއީ ސުޝާންތު ގޯސް ކުރަނީއެއް ނޫން. އަހަރެން ގަބޫލުކުރާގޮތުގައި އޭނާ ބޭނުންވި ކަންތައް ވަރަށް ސާފު. އޭނާ ބޭނުންވީކެރިއަރުގައި ކުރިއަށް ދާން. އޭނާގެ ކެރިއަރު ޗޫޒްކޮށް މޫވް އޮން ކުރި. އެކަމަކު ދެއަހަރާ ބައިވަންދެން އަހަރެން ދިޔައީ އެތައް ކަމެއް ތަހައްމަލުކުރަމުން،" އަންކިތާ ބުންޏެވެ.

އަންކިތާ އިތުރަށް ބުނީ ސުޝާންތާ އެކު އޮތް ގުޅުން ނިމުމަކަށް އައުމުން އޭނާގެ ދިރިއުޅުން ވެސް ހުއްޓުމަކަށް އައިކަހަލަ އިހުސާސެއްވި ކަމަށެވެ.

މިހުރިހާ ކަމެއް ތަހައްމަލު ކުރުމަށް ފަހު މިހާރު އަންކިތާ ވަނީ އެކަމުން އަރައިގަނެ، އެނބުރި މަސައްކަތާ މަސްއޫލުވެފަ އެވެ.